ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޔުވެންޓަސްއަށް ބޮޑު މޮޅެއް، ބެސިކްޓާސްއަތުން މާސޭ ވީ ބަލި!

ޝެއާ ކުރޭ Facebook Telegram Viber X

ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ޔޫރަޕްގެ އެކި ކަންކޮޅުތަކުގައި ކުޅުނު ފޯރިގަދަ މެޗުތަކުގައި، އިޓަލީގެ ގަދަބާރު ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ނެދަލެންޑްސްގެ އެންއީސީ ނައިމޭޚަން ކޮޅަށް ފަސް ލަނޑު ޖަހައި ބޮޑު ކާމިޔާބީއެއް ހާސިލުކުރިއިރު، ތުރުކީގެ ބެސިކްޓާސް އަތުން ފްރާންސްގެ މާސޭ ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.

ރޭގެ މެޗުގައި ޔުވެންޓަސްއިން ފުރިހަމަ ކުޅުމެއް ދެއްކިއިރު، އިދިކޮޅު ޓީމުގެ ކީޕަރު ނިކޮލަސް ޕޮލްސްޓަރަށް ހެދުނު ބޮޑެތި ގޯސްތަކެއްގެ ފައިދާ އެ ޓީމުން ވަނީ ވަރަށް ރަނގަޅަށް ހިފާފައެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ނިކޮލަސް ގޮންޒާލޭޒް ޔުވެންޓަސްއަށް ލީޑު ނަގައިދިނީ ވެސް ކީޕަރަށް ހެދުނު މިފަދަ ގޯހެއްގެ ތެރެއިންނެވެ. އޭގެ ފަހުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެރިމް އަލަޖްބެގޮވިޗް ޖެހި ލަނޑާއި ނިކް ވޮލްޓަމޭޑް ކާމިޔާބުކުރި ޕެނަލްޓީއާ އެކު ޔުވެންޓަސްއިން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ 75ވަނަ މިނެޓުގައި ޒެކީ ޗެލިކް ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައި ވަނިކޮށް، ކީޕަރަށް ހެދުނު އިތުރު ގޯހެއްގެ ފައިދާ ނަގައި ރަންޑަލް ކޯލޯ މުއާނީ ވަނީ ފަސްވަނަ ލަނޑު ޖަހައި ނަތީޖާ 5-0އަށް ބަދަލުކޮށްފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް ފާހަގަކޮށްލެވޭ މެޗުގައި، ފަހަކަށް އައިސް ދަށް ފޯމެއްގައި އޮތް ފްރާންސްގެ މާސޭގެ މައްޗަށް ބެސިކްޓާސްއިން ކުރިހޯދީ 4-1ގެ ނަތީޖާއަކުންނެވެ. މެޗުގެ ދެވަނަ ހާފުގައި ބެސިކްޓާސްއިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ފްރެންޗް ލީގުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވެފައިވާ މާސޭއަށް މި ސީޒަނުގައި ކުރިމަތިވި އިތުރު ހިތްދަތިކަމެކެވެ.

ރޭ ކުޅުނު އެހެނިހެން މެޗުތަކަށް ބަލާއިރު، އިނގިރޭސިވިލާތުގެ ކްރިސްޓަލް ޕެލަސްއިން ވަނީ ޕޮލެންޑުގެ ލެކް ޕޮޒްނަންގެ މައްޗަށް 3-0އިން ފަސޭހަކަމާ އެކު ކުރިހޯދާފައެވެ. ޕެލަސްގެ ހުރިހާ ލަނޑެއް ވެސް ފުރަތަމަ ހާފުގައި ފެނިގެންދިޔައިރު، ސްކޮޓްލެންޑުގެ ޗެމްޕިއަން ސެލްޓިކް ވަނީ އަމިއްލަ ދަނޑުގައި ހަންގޭރީގެ ފެރެންކްވަރޯސް އަތުން 3-1އިން ބަލިވެފައެވެ. 

މީގެ އިތުރުން ސްޕެއިންގެ ރެއާލް ސޮސިއެޑާޑްއާ ވާދަކޮށް އިނގިރޭސި ކްލަބް ބޯންމަތު 2-1އިން މޮޅުވިއިރު، ޕޯޗުގަލްގެ ޓޮރެންސޭ ވަނީ ނޯވޭގެ ލިލެސްޓްރޯމްގެ ދަނޑުގައި 2-1އިން މޮޅުވެފައެވެ. މިއީ ގްރޫޕް ސްޓޭޖުގައި ޓޮރެންސޭ ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގެ ފަހު ވަގުތުކޮޅު އެ ޓީމުގެ ނޫހާ ޖައްޓާއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ. 

އަދި ޖަރުމަނުގެ ހޮފެންހައިމްގެ މައްޗަށް ގްރީސްގެ އޯއެފްއައި ކްރީޓުން 2-0ގެ ކާމިޔާބީއެއް ހޯދިއިރު، އާރްބީ ސާލްޒްބާގުން ވަނީ ބަލްގޭރިއާގެ ލެވްސްކީ ސޯފިއާ 1-0އިން ބަލިކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު