އިޓާލިއަން ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޕާމާއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ހާފުގައި ކުޅެން ނުކުތް ދެ ކުޅުންތެރިން ކާމިޔާބުކޮށްދިން ލަނޑުތަކާ އެކު 2-0ގެ ނަތީޖާއަކުން ޔުވެންޓަސް މޮޅުވެއްޖެއެވެ.
މިއީ މި ފެށުނު އާ ސީޒަނުގައި ޔުވެންޓަސް ކުޅުނު ދެވަނަ މެޗު ކަމަށްވާއިރު، އެ ޓީމުން ވަނީ ދެ މެޗުން ވެސް ފުރިހަމަ މޮޅެއް ހޯދާފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސްއަށް ލިބުނު ރަނގަޅު ފުރުސަތުތައް ބޭކާރުވި ނަމަވެސް، 57ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ނިކޯ ގޮންޒާލޭޒް ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ޓީމަށް ލީޑު ނަގައިދީފައެވެ. ގޮންޒާލޭޒް ފޮނުވާލި ފުރަތަމަ ބާރު ހަމަލާ ގޯލުގެ ދަނޑިއަށް އަމާޒުވެފައި ރީބައުންސްވި ވަގުތު، އޭނާ ދެވަނަ ފަހަރަށް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޕާމާގެ ޑިފެންޑަރު މާރިއާނޯ ޓްރޮއިލޯގެ ގައިގައި ޖެހިފައެވެ.
މެޗުގެ ފަހުކޮޅު، 87ވަނަ މިނެޓުގައި އެންޑްރިއާ ކެމްބިއާސޯއަށް އަނިޔާވުމާ ގުޅިގެން ކުޅެން ނުކުތް ނެދަލެންޑްސްގެ މިޑްފީލްޑަރު ޓިއުން ކޫޕްމައިނާސް ވަނީ ކުޅެން އެރިތާ އެންމެ މިނެޓެއްގެ ތެރޭގައި ހިތްގައިމު ލަނޑެއް ޖަހައި، ޔުވެންޓަސްއަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އަލަށް ޕްރޮމޯޓުވި ފްރޮސިނޯނޭ ވަނީ ފިއޮރެންޓީނާގެ މައްޗަށް 3-0އިން ކުރިހޯދައި، އެ ކްލަބުގެ ސައްތަ ވަނަ އަހަރީ ދުވަހުގެ އުފާވެރިކަން ފަނޑުކޮށްލާފައެވެ. މި މެޗުގައި ފްރޮސިނޯނޭގެ އެންޓޯނިއޯ ރައިމޮންޑޯ ދެ ގޯލު ޖެހިއެވެ. މީގެ އިތުރުން، އުދިނޭޒީން މޮންޒާގެ މައްޗަށް 3-2އިން ކުރިހޯދައި ސީޒަނުގެ ފުރަތަމަ މޮޅު ހޯދިއިރު، ސަސުއޯލޯ ވަނީ ޑޮމެނިކޯ ބެރާޑީ 78ވަނަ މިނެޓުގައި ޖެހި ލަނޑާ އެކު 2-1އިން ޓޮރީނޯ ބަލިކޮށްފައެވެ.
ސީޒަނުގެ ދެވަނަ ހަފުތާގެ ކުޅުން ކުރިއަށްދާއިރު، ކުޅުނު ދެ މެޗުން މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކު ތާވަލުގެ އެންމެ ކުރީގައި އޮތީ އޭސީ މިލާނާއި ޔުވެންޓަސްއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.