އިޓަލީގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ސަންޑްރޯ މައްޒޯލާ ނިޔާވުމާ ގުޅިގެން އޭނާގެ ހަނދާނުގައި ގެނައި ހިމޭންކަމުގެ ސުކޫތަށް ސަޕޯޓަރުންތަކެއް ހުރަސްއެޅުމުގެ ސަބަބުން، އިޓާލިއަން ލީގުން ޔުވެންޓަސް10،000ޔޫރޯއިން ޖޫރިމަނާކޮށްފިއެވެ.
ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި އަޓަލާންޓާއާ ބައްދަލުކުރި މެޗު ފެށުމުގެ ކުރިން ކުރިއަށްގެންދިޔަ މި ހަރަކާތުގެ ތެރެއިން، ދަނޑުގެ ދެކުނު ފަރާތުގައި ތިބި ބައެއް މީހުން ވަނީ އަޑުގަދަކޮށް، ދަނޑަށް ފުރަގަސްދީފައެވެ. މި ބޭއަދަބީ އަމަލުތަކާ ގުޅިގެން އިޓަލީގެ ފުޓްބޯޅަ އިދާރާއިން ވަނީ އެ ކުލަބު 10،000ޔޫރޯ (11،000އެމެރިކާ ޑޮލަރު)އިން ޖޫރިމަނާކޮށްފައެވެ. މި ހަމަނުޖެހުން ހިންގި ވަގުތު، ދަނޑަށް ވަދެތިބި އެހެނިހެން ސަޕޯޓަރުން ވަނީ އެކަމާ ނުރުހުން ފާޅުކޮށް އަތްތިލަބަޑި ޖަހާފައެވެ.
މި މައްސަލައާ ގުޅިގެން ޔުވެންޓަސްއިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައި ވަނީ، ކުޅިވަރުގެ ތެރޭގައި އޮންނަ ވާދަވެރިކަމަކީ މަރުވެފައިވާ ފަރާތްތަކަށް އިހުތިރާމް ކުޑަކުރުމަށް ދެއްކޭނެ ބަހަނާއެއް ނޫން ކަމަށެވެ. އަދި ވަކި ކުލަބަކަށް ނިސްބަތްވިޔަސް، ކުޅިވަރުގެ ރޫހާ އެއްގޮތަށް އަމަލުކޮށް ހިމޭންކަމުގެ ސުކޫތުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއްކަމަށް އެ ކުލަބުން ފާހަގަކުރިއެވެ.
އުމުރުން 83އަހަރުގައި މިދިޔަ ހޮނިހިރު ދުވަހު ނިޔާވި މައްޒޯލާއަކީ އިޓަލީގެ ގައުމީ ޓީމުގެ އިތުރުން އިންޓަ މިލާނުގައި ވެސް ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ ފާހަގަކޮށްލެވޭ ތަރިއެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.