ޔޫރޮޕާ ލީގުގެ ޕްލޭއޯފްގައި ބަލިވެ މުބާރާތުން ކެޓުމާ އެކު، ތުރުކީގެ ޓްރަބްޒޮންސްޕާގެ ކޯޗު ފާތިހް ޓެކް މަގާމުން ދުރަށްދާން ނިންމައި އިސްތިއުފާ ހުށަހެޅުމުން، ކުލަބުގެ މެނޭޖްމަންޓުން އެކަން ގަބޫލުނުކޮށް އޭނާއަށް އިތުބާރު އޮތްކަން ހާމަކޮށްފިއެވެ.
ފުރަތަމަ ލެގުން 1-0އިން ބަލިވެފައި އޮތުމުން، ނަތީޖާ އަނބުރާލުމުގެ އުއްމީދުގައި ރޭ ނުކުތް ނަމަވެސް، ޓްރަބްޒޮންސްޕާއަށް ކުރިމަތިވީ އިތުރު މާޔޫސްކަމެކެވެ. އައު ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ގެނައި ރުސްލާން މަލިނޮވްސްކީއަށް މެޗުގެ ވަރަށް ކުރީކޮޅު ރަތް ކާޑު ދެއްކުމާ ގުޅިގެން ޓީމުގެ ކުޅުން ރޫޅި، 4-0އިން ވަނީ ބަލިވެފައެވެ.
މެޗުގެ ނަތީޖާ ބަދަލުނުކުރެވޭނެކަން ޔަގީންވުމާ އެކު، 60ވަނަ މިނެޓުގައި ކޯޗު ވަނީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށްވާ މުހައްމަދު ސަލާހު ވެސް ބަދަލުކޮށްފައެވެ. މެޗަށްފަހު ނެރުނު ބަޔާނެއްގައި ކޯޗު ޓެކް ބުނެފައިވަނީ، ވޭތުވެދިޔަ 18މަސްދުވަހު ކުރި ބުރަ މަސައްކަތް ނާކާމިޔާބުވެއްޖެ ކަމަށާއި، މި ނަތީޖާގެ ސައްތައިން ސައްތަ ޒިންމާ ނަގާ ކަމަށެވެ. އަދި މަގާމުން ދުރަށްދާން ނިންމީ އެ ސަބަބާ ހުރެ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
ނަމަވެސް ޓްރަބްޒޮންސްޕާގެ ބޯޑުން ވަނީ ކޯޗުގެ ނިންމުމަށް ދެކޮޅު ހަދާފައެވެ. ކުލަބުން މައުލޫމާތު ދިން ގޮތުގައި، ޔޫރަޕުގެ ދެވަނަ ފަންތީގެ މުބާރާތުން ކަޓައި ކޮންފަރެންސް ލީގުގައި ވާދަކުރަން ޖެހުނު ނަމަވެސް، ޓީމަށް އިރުޝާދު ދިނުމުގައި ދެމިހުންނާނީ ޓެކްއެވެ. މި ސީޒަނަށް ބޮޑު ހޭދައެއްކޮށް ޓްރަބްޒޮންސްޕާއިން ވަނީ ލިވަޕޫލްގައި ނުވަ އަހަރު ކުޅުނު ސަލާހު އަހަރަކު 8.5 މިލިއަން ޕައުންޑުގެ މުސާރައަކަށް ގެނެސްފައެވެ. އޭގެ އިތުރުން ފަބީނިއޯ އަދި އަންދްރޭ އޮނާނާ ފަދަ މަޝްހޫރު ކުޅުންތެރިން ވެސް މިހާރު ފެންނަނީ އެ ޓީމުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.