އަންނަ މަހުގެ އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތަށް އެކުލަވާލި ރާއްޖޭގެ ގައުމީ ސްކޮޑުން، ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓޭ) އާއި ތަޖުރިބާކާރު ޑިފެންޑަރު މުޙައްމަދު އިރުފާން (އިރޭ)އަށް ފުރުސަތު ނުލިބި ބާކީވެއްޖެއެވެ.
މި ދެ ކުޅުންތެރިންނަށް ސްކޮޑުން ޖާގަ ނުލިބުނީ ލިބިފައިވާ އަނިޔާތަކުން މުޅިން ރަނގަޅު ނުވުމުގެ ސަބަބުންނެވެ.
ގައުމީ ޓީމުގެ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިސްޓަވާން އުރުބާނީ ބުނީ، އަނިޔާގެ ސަބަބުން މި ދެ ކުޅުންތެރިންނަށް މިހާތަނަށް ބޭއްވި އެއްވެސް ފަރިތަކުރުމެއްގައި ބައިވެރިވެވިފައި ނުވާ ކަމަށެވެ. އުރުބާނީ ބުނި ގޮތުގައި ސަމޫހާއި އިރުފާނަށް އަނިޔާވީ ފުޓުބޯޅަ ސީޒަން ނިމުމަށް ފަހު ރަށްރަށުގައި ކުޅުނު މުބާރާތްތަކެއްގެ ތެރެއިންނެވެ.
ޓީމުގެ މުހިންމު ދެ ޑިފެންޑަރުންނަށް ނުކުޅެވޭތީ ކަންބޮޑުވުން ފާޅުކުރަމުން އުރުބާނީ ބުނީ:
"ހިތާމަހުރި ކަމަކީ އަދިވެސް ސަމޫހާއި އިރުފާނަށް އަނިޔާގެ ސަބަބުން ފަރިތަކުރުންތަކުގައި ބައިވެރިނުވެވޭތީ. މިހާތަނަށް އައި އިރު އެ ދެ ކުޅުންތެރިން މިތިބީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅޭ ސެންޓްރަލް ޑިފެންޑަރުންގެ ގޮތުގައި. އެ ދެ ކުޅުންތެރިން ރިޕްލޭސްކުރުން ވާނީ ވަރަށް ބޮޑު ޗެލެންޖަކަށް. ބަދަލުތަކެއް ގެންނަން ޖެހިފައި މިވަނީ."
މުބާރާތް ފެށެން ހަފްތާއެއްހާ ދުވަހަށް ވެފައިވާއިރު، މި ދެ ކުޅުންތެރިންނަށް ކުރިއަށް އޮތް މުބާރާތުގައި ނުކުޅެވޭނެކަން ކަށަވަރުކޮށްދެމުން ކޯޗު ބުނީ، އެ ދެ ކުޅުންތެރިންނަކީ އޭނާ ގަވާއިދުން ވާހަކަދައްކާ މުހިންމު ކުޅުންތެރިން ކަމަށާއި، ނަމަވެސް މިފަހަރުގެ ސްކޮޑުގައި އެ ކުޅުންތެރިން ނުހިމެނޭނެ ކަމަށެވެ. އަދި މުބާރާތަށް ފަހު އެނބުރި އަންނައިރު އެ ދެ ކުޅުންތެރިން ތިބޭނީ ވަރަށް ބޮޑު މޯޓިވޭޝަނެއްގައި ކަމަށް އުއްމީދުކުރާ ކަމަށް ވެސް އުރުބާނީ ބުންޏެވެ.
ރަށްރަށުގައި ބޭއްވި މުބާރާތްތަކުގެ ސަބަބުން ގައުމީ ޓީމުގެ ފަރިތަކުރުންތައް ފެށުން ވެސް ވަނީ ކުރިން ތާވަލުކުރި ވަރަށް ވުރެ ލަސްވެފައެވެ. ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވަނީ އެ ރަށްރަށުގެ މުބާރާތްތައް ނިމެންދެން ގައުމީ ޓީމުގެ ފަރިތަކުރުންތައް ލަސްކޮށްދިނުމަށް އެދި ސިޓީ ފޮނުވައިފައެވެ. މީގެ ސަބަބުން ސަމޫހާއި އިރުފާންގެ އިތުރުން އެހެން ބައެއް ކުޅުންތެރިންނަށް ވެސް ފަރިތަކުރުންތަކުގެ ކުރީކޮޅު ފުރިހަމައަށް ބައިވެރިވެވިފައެއް ނުވެއެވެ.
ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 1އިން 11ގެ ނިޔަލަށެވެ. މާލޭގެ ގަލޮޅު ރަސްމީ ދަނޑުގައި ކުޅޭ މި މުބާރާތުގެ ހުރިހާ މެޗެއް، މީޑިއާ އެންޑް ބްރޯޑްކާސްޓިން ޕާޓްނަރުގެ ހައިސިއްޔަތުން ޕީއެސްއެމްއިން ވަގުތުން ދައްކާނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.