ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ލަންކާގެ އޯޕަން ސާފިން ޗެމްޕިއަންކަން ހޯދީ 9އަހަރުގެ އާލިޔާ

ޝެއާ ކުރޭ Facebook Telegram Viber X

ސާފިން ފެޑެރޭޝަން އޮފް ސްރީ ލަންކާއިން އާރުގަމް ބޭގައި އިންތިޒާމުކުރި "އެސްއެފްއެސްއެލް ސާފް ޗެމްޕިއަންޝިޕްސް 2026"ގެ އޯޕަން އަންހެން ބައިގައި ދުނިޔޭގެ އެކި ގައުމުތަކުގެ ތަޖުރިބާކާރު ރާޅާއެޅުންތެރިންނާ ވާދަކޮށް، ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭ އުމުރުން އެންމެ 9އަހަރުގެ އާލިޔާ ލަތީފް ފަޚުރުވެރި އެއްވަނަ މިއަދު ހޯދައިފިއެވެ.

އާލިޔާ މި ތާރީޚީ ކާމިޔާބީ ހާސިލުކުރީ އޭނާއަށްވުރެ އުމުރުން ދޮށީ، އަދި ހުނަރުވެރި އެތުލީޓުންނާ ވާދަކޮށް ފައިނަލް ހީޓުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިގެންނެވެ. މި ކެޓަގަރީގެ ދެވަނަ މަގާމު ލިބުނީ މިދިޔަ އަހަރު ލަންކާގެ ޖޫނިއާ އަންހެން ޗެމްޕިއަންކަން ހޯދި ސަޔުނީ އަންޖަނާއަށެވެ. އަދި ތިންވަނައަށް ދިޔައީ ފަހަކަށް އައިސް ރާޅާއެޅުމުގެ މައިދާނުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ސްވިޒަލެންޑުގެ ކެމީލް އެޓާއެވެ. މިއީ ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތަކުން އާލިޔާއަށް ލިބުނު ފުރަތަމަ ރަން މެޑައްޔެވެ. 

މީގެ ކުރިން 2025ވަނަ އަހަރު މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން ބޭއްވި ފުރަތަމަ ގައުމީ ޖޫނިއާ ސާފިން މުބާރާތުގައި ވެސް އޭނާ ވަނީ ވިދާލާފައެވެ. އެފަހަރު އުމުރުން އެންމެ އަށް އަހަރުގައި 18އަހަރުން ދަށުގެ އަންހެން ބައިގެ ފައިނަލުގައި ވާދަކޮށް، 10.23ޕޮއިންޓާއެކު ޗެމްޕިއަންކަން ހޯދައި، އާލިޔާ ވަނީ ގައުމީ ފެންވަރުގައި ވެސް އާ ރެކޯޑެއް ގާއިމުކޮށްފައެވެ.

އުމުރުން ހަގު ނަމަވެސް، ބައިނަލްއަގުވާމީ އޯޕަން ކެޓަގަރީއެއްގައި އާލިޔާ ހޯދި މި ކާމިޔާބީއަކީ ރާއްޖޭގެ ރާޅާއެޅުމުގެ ކުޅިވަރަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. މިއާއެކު އޭނާ ވަނީ ރާއްޖޭގެ އަންހެން ސާފިންގެ މުސްތަގުބަލު އޮތީ ވަރަށް އުޖާލާކޮށްކަން މުޅި ދުނިޔެއަށް ސާބިތުކޮށްދީފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު