ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ހޯޒޭ މޮރީނިއޯގެ ފުރަތަމަ ދައުރުގައި އެ ކްލަބުގެ ސީނިއާ ޓީމުން ފުރުސަތު ހޯދި ޒުވާން ކުޅުންތެރިޔާ ހޯޒޭ ރޮޑްރިގޭޒް، ރާއްޖޭގެ އޮޑި ސްޕޯޓްސް ކްލަބާ ގުޅުމަށް ފަހު އެނބުރި ގައުމަށް ހިނގައްޖެއެވެ.
އޭނާ ރާއްޖެ އައިކަން އޮޑި އިން ސޯޝަލް މީޑިއާގައި އިއުލާން ކުރުމުން ގިނަ ބައެއްގެ ސަމާލުކަން ލިބުނު ނަމަވެސް، ދިވެހި ޕްރިމިއާ ލީގަށް އެ ކްލަބުން ރަޖިސްޓަރީ ކުރި ބިދޭސީ ހަތަރު ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމަނާފައެއް ނުވެއެވެ.
މި މައްސަލައާ ގުޅޭގޮތުން އޮޑި ސްޕޯޓްސްގެ ޕޯޗުގަލް ކޯޗު ރޫއީ ގްރެގޯރިއޯ ބުނީ، މިއީ ވަރަށް ނާޒުކު މައުލޫއެއް ނަމަވެސް ފޮރުވާނެ އެއްޗެއް ނެތް ކަމަށެވެ. މިދިޔަ ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި އޭނާ ހާމަކުރި ގޮތުގައި، ހޯޒޭ ރާއްޖެ އައިސް ތިންވަނަ ނޫނީ ހަތަރުވަނަ ދުވަހު ވަނީ އެނބުރި ގައުމަށް ގޮސްފައެވެ. އަދި މި ވާހަކަ މީޑިއާއަށް ތިލަކުރަން ޖެހޭނީ ކްލަބުގެ މެނޭޖްމަންޓުން ކަމަށް ވެސް އޭނާ ބުންޏެވެ.
ކޯޗު ގްރެގޯރިއޯ ބުނި ގޮތުގައި ހޯޒޭ އެނބުރި ދިޔައީ ރާއްޖޭގެ ފުޓްބޯޅަ މާހައުލަށް ހޭނެން އުނދަގޫވުމުގެ އިތުރުން، އެގްރިމެންޓްގެ ބައެއް ކަންކަމާ މެދު އެއްބަސްނުވެވުމުންނެވެ. އޭނާ ބުނީ ހޯޒޭއާ ދެތިން ފަހަރަކު ވާހަކަދެކެވުނު ކަމަށާއި، އަންގާރަ ދުވަހު ވެސް ހޯޒޭ މެސެޖެއް ފޮނުވައި ކަންކަން ދިމާވި ގޮތުން ހިތާމަކުރާ ކަމަށް ބުނެފައިވާ ކަމަށެވެ.
ހޯޒޭ ފަދަ މަތީ ފެންވަރުގެ ކުޅުންތެރިއަކަށް ރާއްޖޭގެ ފުޓްބޯޅައިގެ ވަސީލަތްތައް ބަލައިގަންނަން އުނދަގޫވުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫން ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މާލޭގައި ކްލަބްތަކުން ހާފް ޕިޗްގައި ޕްރެކްޓިސް ކުރަން ޖެހުމާއި، އެއް ވަގުތެއްގައި ދެ ކްލަބް އެއް ދަނޑެއްގައި ތަމްރީނު ހަދަން ޖެހުމަކީ އަދިވެސް ހައްލެއް ނުލިބޭ މައްސަލަތަކެވެ. މީގެއިތުރުން، ގައުމީ ފުޓްބޯޅަ ދަނޑުގެ ވިނަގަނޑާއި ވަސީލަތްތައް ހުރީ ފެންވަރު ރަނގަޅު ކުޅުމެއް ކުޅެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ.
ލީގުގެ ނަމަށް 2015ވަނަ އަހަރު "ޕްރިމިއާ"އިތުރު ކުރި ނަމަވެސް، ލީގުގެ ފެންވަރު ދަށްކަން ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުން ވެސް ވަނީ ހާމަވެފައެވެ. އެގޮތުން އަލަށް ވާދަކުރި ބިސް ބުރު ސްޕޯޓްސްގެ ޖޯޒީގެ ކުލަ އީގަލްސްގެ ޖޯޒީއާ އެއްގޮތްވުމުން، އެ ޓީމަށް ޖެހުނީ ގައުމީ ޓީމުގެ ޕްރެކްޓިސް ކިޓް ބޭނުންކުރާށެވެ. މިފަދަ ދަށް ހާލަތެއްގައި އޮތް ލީގެއްގައި ކުޅެން ހޯޒޭ ބޭނުން ނުވުމަކީ ގަބޫލުކުރެވޭ ކަމެއް ކަމަށް ތަޖުރިބާކާރު އޮފިޝަލަކު ފާހަގަކުރިއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.