ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރެއާލްގެ ތަމްރީން ދަނޑުގައި މޮރީނިއޯ ރޭގަނޑު ހޭދަކުރޭ

ޝެއާ ކުރޭ Facebook Telegram Viber X

ރެއާލް މެޑްރިޑްގެ ކޯޗުކަމާ ދެވަނަ ފަހަރަށް ހަވާލުވި ހޯޒޭ މޮރީނިއޯ، އޭނާގެ ވަގުތުތައް ސަލާމަތްކޮށް މަސައްކަތަށް އިތުރު ސަމާލުކަމެއް ދިނުމުގެ ގޮތުން ކްލަބްގެ ޕްރެކްޓިސް ދަނޑުގައި ނިދަން ފަށާފައިވާކަން ހާމަވެއްޖެއެވެ.

ރެއާލްގެ ކޯޗުކަމާ އަލުން ހަވާލުވުމަށް ފަހު މޮރީނިއޯ ވަނީ އެ ކްލަބަކީ އޭނާގެ "އަމިއްލަ ގެ"ގޮތުގައި ސިފަކޮށްފައެވެ.

"ދި އެތުލެޓިކް"ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މޮރީނިއޯ ޕްރެކްޓިސް ދަނޑު ހުންނަ ސެންޓަރުގައި ދިރިއުޅެން ނިންމީ މަސައްކަތުގައި ވީހާވެސް ގިނަ ވަގުތު ހޭދަކުރުމަށެވެ. މެޑްރިޑަކީ ޓްރެފިކް ބޮޑު ކާރޫބާރޫ ސިޓީއަކަށް ވުމުން، ހޮޓަލެއްގައި ނުވަތަ ރެޒިޑެންޝަލް އިމާރާތެއްގައި އުޅޭނަމަ ދަތުރުފަތުރަށް ގިނަ ވަގުތުތަކެއް ބޭކާރުވާނެތީ އޭނާ ބޭނުންވީ އެކަން ހައްލުކުރާށެވެ.

ރެއާލް މެޑްރިޑަށް ހާއްސަ ނޫސްވެރިއެއް ކަމަށްވާ މާރިއޯ ކޯޓެގާނާ ދި އެތުލެޓިކްގައި ލިޔެފައިވާ ގޮތުގައި، މޮރީނިއޯގެ ދެވަނަ ދައުރުގައި އޭނާ ވަނީ ކްލަބަށް ވަރަށް ބޮޑު ޕްރޮޖެކްޓެއް ހުށަހަޅާފަ އެވެ. އަދި އެ ޕްރޮޖެކްޓް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް ޓަކައި އޭނާ އަންނަނީ ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

ވިދިވިދިގެން ދެ ސީޒަނުގައި އެއްވެސް ބޮޑު މުބާރާތެއްގެ ތަށި ނުލިބި ރެއާލުން ނިންމާލަން ޖެހުމުން، އެ ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ނިންމެވީ އަލުން މޮރީނިއޯ ގެންދިއުމަށެވެ. މީގެ ކުރިން 2010ވަނަ އަހަރު މޮރީނިއޯ ފުރަތަމަ ފަހަރަށް ރެއާލާ ހަވާލުވިއިރު ވެސް އެ ކްލަބް އޮތީ ވިދިވިދިގެން ދެ ސީޒަން ތައްޓެއް ނުލިބި ނިންމާލަން ޖެހުނު ހާލަތެއްގައެވެ.

މިއީ މޮރީނިއޯ މިގޮތަށް އަމަލުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ސީޒަނުގެ ވަކި ހިސާބަކުން ބެންފީކާގެ ކޯޗުކަމާ ހަވާލުވެ، އެ ކްލަބްގެ ޓްރޭނިން ސެންޓަރުގައި ވެސް އޭނާ ފުރަތަމަ ދުވަސްކޮޅު ދިރިއުޅުނެވެ. މީގެ އިތުރުން ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ވެސް އެ ކްލަބްގެ ފުރަތަމަ އަހަރު ޓްރޭނިން ސެންޓަރުގައި ނިދާފައިވާއިރު، ލޫޓަން ޓައުންގެ ކޯޗިން އޮފީހުގައި ޖެކް ވިލްޝަޔާ އެނދެއް ބަހައްޓައިގެން އުޅުނު ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު