ދިރާގު ދިވެހި ޕްރިމިއާ ލީގަށް އަލަށް ތައާރަފުކުރެވުނު ހޯމް އެންޑް އަވޭ އުސޫލާ އެކު، މާލެއާއި އަތޮޅުތެރޭގައި އެއް ދުވަހެއްގެ މައްޗަށް ތިން މެޗު ކުޅެ، މިއަދު (12ސެޕްޓެމްބަރު 2026)ރާއްޖޭގެ ފުޓްބޯޅަ ތާރީޚުގައި މުޅިން އައު ރެކޯޑެއް ގާއިމުކޮށްފިއެވެ.
މީގެ ކުރިން ލީގުގެ މެޗުތައް ގަލޮޅު ދަނޑަށް އެކަނި ބަރޯސާވެފައި އޮތް ނަމަވެސް، އަދި އެއް ދުވަހެއްގައި އެންމެ ގިނަވެގެން ދެ މެޗު ކުޅުނު ނަމަވެސް، މިއަދަކީ ފުޓްބޯޅަ ސަޕޯޓަރުންނަށް ޚާއްސަ ދުވަހެކެވެ. މިއަދު ކުޅޭ ތިން މެޗުގެ ތެރެއިން ފުރަތަމަ ކުރިމަތިލުމުގައި މެންދުރު ފަހު 15:30ގައި ގދ. ގައްދޫގެ އަމިއްލަ ދަނޑުގައި އެރަށުގެ ޓީމުން ނުކުންނާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މާލޭގެ ރަސްމީ ބޯޅަ ދަނޑުގައި ހަވީރު 16:00ގައި ކްލަބް އީގަލްސް އަދި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރާއިރު، މިރޭ 21:00ގައި ހަމަ އެ ދަނޑުގައި ގައުމީ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ނުކުންނާނީ ބިސް ބުރު ސްޕޯޓްސް ކްލަބެވެ.
މިއަހަރުގެ ލީގު ފާހަގަކުރެވެނީ މުޅި ރާއްޖެއަށް ފުޓްބޯޅަ ފުޅާކުރުމުގެ މަގުސަދުގައި ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ މުބާރާތެއްގެ ގޮތުގައެވެ. ކުރިން 8ޓީމު ވާދަކުރި ނަމަވެސް، މިފަހަރުގެ ސީޒަނުގައި 10ކްލަބަކުން ވާދަކުރެއެވެ. ލީގުގެ އޮނިގަނޑު ރޭވިފައިވާ ގޮތުން ކޮންމެ ޓީމަކުން ވެސް އަނެއް ޓީމަކާ ދެފަހަރު ބައްދަލުކޮށް، ޖުމްލަ 18މެޗު ކުޅޭނެއެވެ.
މިހާތަނަށް ލީގުގައި ދެ މެޗެއް ކުޅެފައިވާއިރު، ފަހުގެ ޗެމްޕިއަން މާޒިޔާއިން ވަނީ 1-0އިން އޮޑި ސްޕޯޓްސް ކްލަބް ބަލިކޮށްފައެވެ. އަދި ވިކްޓަރީ ސްޕޯޓްސް ކްލަބުން ވަނީ 5-1ގެ ބޮޑު ތަފާތަކުން ޓީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދާފައެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް އޭއެފްސީ ޗެލެންޖް ލީގުން ފުރުސަތު ލިބޭއިރު، ގަދަ ޓީމުތަކަށް ޕްރެޒިޑެންޓްސް ކަޕްގެ ޖާގަ ވެސް ކަށަވަރުވެގެންދާނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.