މިމަހުގެ 15އިން 28އަށް އުޒްބަކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ 46ވަނަ ޗެސް އޮލިމްޕިއާޑުގައި ރާއްޖެ ތަމްސީލުކުރުމަށް ޓަކައި އެކުލަވާލި ޤައުމީ ސްކޮޑުން އުމުރުން އެންމެ 11އަހަރާއި 14އަހަރުގެ ދެ ކުޅުންތެރިއަކު ޖާގަ ކަށަވަރުކޮށް، މުބާރާތަށް ފުރިހަމައަށް ތައްޔާރުވާން ފަށައިފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 1800އަށް ވުރެ ގިނަ ކުޅުންތެރިންނާ އެކު އުޒްބަކިސްތާނުގެ"ސިލްކް ރޯޑް ސަމަރކަންޑް ކޮމްޕްލެކްސް"ގައި ބާއްވާ މި ބޮޑު މުބާރާތަށް ރާއްޖޭގެ ޓީމު ފުރާނީ މިމަހުގެ 13ވަނަ ދުވަހުއެވެ. އަންހެން އަދި ފިރިހެން ކުޅުންތެރިން ހިމެނޭހެން ޖުމްލަ 10އެތުލީޓުން ޤައުމީ ޓީމުގައި ހިމެނޭއިރު، ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދަނީ ކްރޮއޭޝިއާއަށް ނިސްބަތްވާ ތަޖުރިބާކާރު ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ. މުޅި ޓީމުގެ ތެރެއިން ވެސް އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައި ވަނީ ޤައުމީ ދިދަ އުފުލާލުމުގެ ޝަރަފު ހޯދާފައިވާ ޒުވާން ދެ ކުދިންނަށެވެ.
ޤައުމީ ސްކޮޑުގައި ހިމެނޭ އެންމެ ޅަ ކުޅުންތެރިއަކީ އުމުރުން އެންމެ 11އަހަރުގެ ޢާއިޝަތު ނޯޔާ ޝަހުރުއްދީން ޝަރީފެވެ. އަމިއްލަ ޤައުމު ތަމްސީލުކުރުމަށް ބައިނަލްއަޤްވާމީ ބޮޑު މުބާރާތަކަށް ފުރަތަމަ ފަހަރަށް ނުކުންނަ ނޯޔާ، ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން ބުނީ އޭނާގެ އެންމެ ބޮޑު އަމާޒަކީ މުބާރާތުން މަދުވެގެން ފަސް ޕޮއިންޓް ހޯދުން ކަމަށެވެ. މީގެ އިތުރުން، އޭނާގެ ރާޒުވާގެ ދަތުރުގައި އެހީތެރިވެދިން މައިންބަފައިންނާއި، ކޯޗުންގެ އިތުރުން ރައްޓެހިންނަށް ނޯޔާ ވަނީ ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.
ނޯޔާގެ އިތުރުން ދެން ޓީމުގައި ހިމެނޭ އަނެއް އުންމީދީ ކުޅުންތެރިއަކީ އުމުރުން 14އަހަރުގެ އީނާ ޢަބްދުﷲ ހަސަންއެވެ. ބައިނަލްއަޤްވާމީ އެހެން މުބާރާތްތަކުގައި މީގެ ކުރިން ވާދަކޮށްފައިވީ ނަމަވެސް، އޮލިމްޕިއާޑަށް ނުކުންނަ މިއީ އީނާގެ ވެސް ފުރަތަމަ ފަހަރެވެ. ދުވާލަކު މަދުވެގެން ދެ ގަޑިއިރު ރާޒުވާ ކުޅުމަށް ހުސްކުރާ އީނާ ފާހަގަކުރި ގޮތުގައި، ކުޅުމަށް ދޭ ސަމާލުކަން ނުގެއްލި ކުރިއަށް ދެވެން އޮތީ އެއްވެސް ދުވަހެއް ވައްޓާނުލައި ގަވާއިދުން ފަރިތަކޮށްގެންނެވެ. އޭނާގެ އަމާޒަކީ ކުރީގެ ތަޖުރިބާތަކުގެ އަލީގައި ރަނގަޅު ކުޅުމެއް ދައްކައި، މުބާރާތުގެ ބައެއް މެޗުތައް ކާމިޔާބުކުރުން ކަމަށް ވެސް އެ ޒުވާން އެތުލީޓު ބުނެފައިވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.