ދާދިފަހުން ނިމިގެންދިޔަ 46ވަނަ ޗެސް އޮލިމްޕިއާޑުގައި ދިވެހިރާއްޖޭގެ އޯޕަން ޓީމަށް ކުރިމަތިވި އުނދަގޫތަކުން ފިލާވަޅު ލިބިގަނެ، އެކަށީގެންވާ ވަގުތު ހޯދައިގެން ފަރިތަކޮށްފިނަމަ 2028ވަނަ އަހަރު ބާއްވާ މުބާރާތުގެ "ޑީ"ކެޓަގަރީ ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން ޓީމުގެ ކެޕްޓަން މުޙައްމަދު ޝުޢާއު ދީފިއެވެ.
މީގެ ދެ އަހަރު ކުރިން 2022ގައި ބޭއްވި އޮލިމްޕިއާޑުގެ "އީ"ކެޓަގަރީން ރާއްޖޭގެ ފިރިހެން ޓީމު ރަން މެޑަލް ހޯދާފައިވީ ނަމަވެސް، ފެންވަރުގެ ގޮތުން މިއަހަރު ވާދަކުރަން ޖެހުނީ އޭގެ މަތީ ހަރުފަތް ކަމަށްވާ "ޑީ"ކެޓަގަރީގައެވެ. ރާއްޖޭގެ އެންމެ މޮޅު ރާޒުވާ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ ޝުޢާއު ފާހަގަކުރި ގޮތުގައި، ގައުމުތަކުގެ ފެންވަރަށް ބަލައި ތަރުތީބުކުރެވިފައިވާ މި މުބާރާތުގެ މަތީ ކެޓަގަރީއެއްގައި ކުޅެން ޖެހުމުން މިފަހަރުގެ މެޗުތައް ވެގެންދިޔައީ ބޮޑު އިމްތިހާނަކަށެވެ.
މި އަހަރުގެ މުބާރާތުގައި 10ވަނަ ބުރާ ހަމައަށް ކުޅުން ކުރިއަށްދިޔައިރު ރާއްޖެ އޮތީ "ޑީ"ކެޓަގަރީގެ ހަތްވަނައިގައެވެ. ޝުޢާއު ބުނި ގޮތުގައި އެ ހިސާބަށް ދިއުމަށްވެސް ޓީމުގެ ކުޅުންތެރިން ވަނީ ނުހަނު ބޮޑު ހިތްވަރެއް ކޮށްފައެވެ. އެހެން ނަމަވެސް މިއަށް ވުރެ ފުރިހަމަ ނަތީޖާއެއް ނެރެން ބޭނުންވާނަމަ ގިނަ ކަންތައްތަކެއް ބަދަލުކުރަންޖެހޭކަމަށް އޭނާ ގަބޫލުކުރެއެވެ.
ކުރިއަށް އޮތް ތަނުގައި ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކަށް ނުކުންނައިރު، ކުޅުންތެރިންނަށް އެކަން މާ ކުރިން އަންގައި، ފުރިހަމައަށް ތައްޔާރުވުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށް ޝުޢާއު ވަނީ ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިފައެވެ. ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ފަޚުރުވެރި ކާމިޔާބީއަކާ ހަމައަށް ވާސިލުވެވޭނީ ރޭވުންތެރިކަމާ އެކު ދުރާލާ ކުރެވޭ ފަރިތަކުރުންތަކަކުންކަން އޭނާ ތަކުރާރުކޮށް ފާހަގަކުރިއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.