ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެމެރިކާ ލީގުގައި ޓްރާންސްފަރ ރެކޯޑެއް

ޝެއާ ކުރޭ Facebook Telegram Viber X

އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް)އިން މިއަހަރުގެ ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިންގެ ސޮއި ހޯދުމަށް 370މިލިއަން ޑޮލަރު އިންވެސްޓްކޮށް، އެ ލީގުގެ ތާރީޚުގައި މިހާތަނަށް ހޭދަކުރި އެންމެ ބޮޑު އަދަދާ އެކު އައު ރެކޯޑެއް މިއަދު ގާއިމުކޮށްފިއެވެ.

މިއީ އޭގެ ކުރީ އަހަރު ގާއިމުކޮށްފައިވާ 336މިލިއަން ޑޮލަރުގެ ރެކޯޑަށް ވުރެ 34މިލިއަން ޑޮލަރުގެ ކުރިއެރުމެކެވެ. ހަމައެހެންމެ، 2023ވަނަ އަހަރު ކުޅުންތެރިން ގަތުމަށް ލީގުން ކުރި 172މިލިއަން ޑޮލަރުގެ ހޭދައާ އަޅާކިޔާއިރު، މިއީ ދެ ގުނައަށް ވުރެން ވެސް ބޮޑު އިތުރުވުމެކެވެ. މިއަހަރުގެ ތެރޭގައި އެމްއެލްއެސްގައި ވާދަކުރާ އަށް ޓީމަކުން ވަނީ އެ ކުލަބުތަކުގެ އަމިއްލަ ޓްރާންސްފާ ރެކޯޑުތައް މުގުރާލާފައެވެ.

ޓޮރޮންޓޯ އެފްސީން އެމެރިކާގެ ފޯވާޑް ޖޯޝް ސާޖަންޓް 22މިލިއަން ޑޮލަރަށް ގެނައުން ވެގެންދިޔައީ އެމްއެލްއެސްގެ ތާރީޚީ އެއް ޓްރާންސްފާއަށެވެ. އަދި ސެއިންޓް ލޫއީ ސިޓީން ވަނީ އެ ކުލަބުގެ ރެކޯޑު މިއަހަރު ދެ ފަހަރެއްގެ މަތިން އައުކޮށްފައެވެ. މީގެ އިތުރުން، ފީފާ ވޯލްޑް ކަޕް ކުޅެފައިވާ 30ކުޅުންތެރިއަކު މިއަހަރު އެމްއެލްއެސްއަށް ބަދަލުވެފައިވާއިރު، އޭގެ ތެރޭގައި މިއަހަރުގެ ވޯލްޑް ކަޕް ސްކޮޑުތަކުގައި ހިމެނުނު 20ކުޅުންތެރިއަކު ހިމެނެއެވެ. ޔޫރަޕުގެ އެންމެ ވަރުގަދަ ފަސް ލީގުން 30އަށް ވުރެ ގިނަ ކުޅުންތެރިންނާ އެކު، ޖުމްލަ 51ގައުމަކުން 186ބިދޭސީ ކުޅުންތެރިން ވަނީ މިއަހަރު އެ ލީގާ ގުޅިފައެވެ.

ކުޅުންތެރިން ގަތުމުގެ އިތުރުން، ކުޅުންތެރިން ވިއްކައިގެން ލިބުނު އާމްދަނީން ވެސް އެ ލީގުން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. ޓްރާންސްފާ ފީގެ ގޮތުގައި 218މިލިއަން ޑޮލަރުގެ އާމްދަނީއެއް ލީގަށް ލިބިފައިވާއިރު، މީގެ ތެރޭގައި ހަލް ސިޓީއަށް 17މިލިއަން ޑޮލަރަށް ވިއްކާލި އޮސްޓްރޭލިއާގެ ލޫކަސް ހެރިންގްޓަން އާއި 15މިލިއަން ޑޮލަރަށް ކްރިސްޓަލް ޕެލަސްއާ ގުޅުނު އެމެރިކާގެ ޒޭވިއާ ގޯޒޯ ހިމެނެއެވެ. ހަމައެއާއެކު އެމްއެލްއެސްގެ އެކެޑަމީތަކުން ތަމްރީނުވި 15ކުޅުންތެރިއަކު ބޭރުގެ ކުލަބުތަކަށް ވިއްކާލައިގެން 65މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ވެސް ވަނީ ހޯދާފައެވެ.

އެމްއެލްއެސްއިން މައުލޫމާތު ދިން ގޮތުގައި އެ ލީގުގައި ތައާރަފުކޮށްފައިވާ "ކޭޝް-ފޯ-ޕްލޭޔަރ"ނިޒާމުގެ ސަބަބުން ކުލަބުތަކުގެ މެދުގައި ކުޅުންތެރިންގެ މުއާމަލާތްތައް ކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ގޮސްފައިވެއެވެ. މި އުސޫލުގެ ދަށުން އެލޮކޭޝަން މަނީގެ ބަދަލުގައި ސީދާ ފައިސާ ދައްކައިގެން އެއް ކުލަބުން އަނެއް ކުލަބަށް ކުޅުންތެރިން ބަދަލުކުރުމުގެ މަގު މިހާރު ވަނީ ފަހިވެފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު