ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެތުލީޓުން އެންމެ މަތީ ދަރަޖައަށް މަސައްކަތްކުރުމަށް ގޮވާލައިފި

ޝެއާ ކުރޭ Facebook Telegram Viber X

ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ދިވެހިރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ޤައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޤައުމަށް ރީތި ނަން ހޯދައިދިނުމަށް ޓަކައި ކޮންމެ ކުޅުންތެރިއަކު ވެސް އެ ކުއްޖެއްގެ ސައްތައިން ސައްތަ ހިތްވަރުލައިގެން މުބާރާތުގެ މަޤްސަދު ހާސިލުކުރުމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު މިއަދު އިލްތިމާސްކުރައްވައިފިއެވެ.

މި ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ ދިވެހި ދިދައިން ރަމްޒުކޮށްދޭ މަތިވެރި މާނަތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ދިދައިގައިވާ ރަތް ކުލައަކީ ޤައުމަށްޓަކައި ކުރީގެ އަބްޠާލުންނާއި ކުޅިވަރުގެ މައިދާނުގައި އެތައް ބަޔަކު އޮހޮރުވި ދަލާއި ލޭގެ ނިޝާންކަން ފާހަގަކުރައްވައި، އެއިން ޢިބުރަތް ލިބިގަނެ، ކުޅިވަރުގެ މައިދާނުގައި ޤައުމަށް ޓަކައި ފުރިހަމަ ޤުރުބާނީއެއް ވުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގަތެވެ.

އެމަނިކުފާނު ވިދާޅުވީ މުބާރާތަކަށް ފުރައިގެންދާއިރު، އެންމެ ފަހު ކުޅިވަރާ ހަމައަށް ވެސް ސިކުނޑިއާއި ހަށިގަނޑު އެކަމަކަށް ހުސްކުރަންޖެހޭނެ ކަމަށެވެ. އަދި ގޭމްސްގެ ޙަޤީޤީ މަޤްސަދު ހާސިލުކުރެވޭނީ މުޅި މީހާގެ ވިސްނުމާއި ފިކުރު އެކަމެއްގެ ތެރެއަށް ގެއްލި، އެންމެ މަތީ ދަރަޖައަށް މަސައްކަތްކޮށްގެން ކަމުގައި ވަޒީރު ރާފިއު ފާހަގަކުރެއްވިއެވެ. ކަމާގުޅޭ އިދާރާތަކުން ކޮށްފައިވާ ބުރަ މަސައްކަތުގެ ނަތީޖާ ދައްކައިދީ، ފަޚުރުވެރިކަމާ އެކު އިސްއުފުލާލެވޭނީ އޭރުންކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މިއަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު ލިބިފައިވަނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ މޫސާ މުންސިފް އަޙްމަދާއި، ބައިނަލްއަޤްވާމީ ޝޫޓިންގ މުބާރާތަކުން ރާއްޖެއަށް ރިހި މެޑަލް ގެނެސްދިން މަރްޔަމް އީޝަލް މިސްބާޙަށެވެ. މީގެ އިތުރުން، ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރުމަށް ހަމަޖެހިފައިވަނީ ފެތުންތެރިން ކަމަށްވާ ލޫތު މުޙައްމަދު ޙުސައިން އަދި އާމްނާ ތަޒްކިޔާ މިރުޞާދު (ތަޒްކީ)އެވެ.

މިއަހަރުގެ އޭޝިއަން ގޭމްސް ޖަޕާނުގައި ކުރިއަށްދާނީ މި މަހުގެ 19ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށެވެ. ހަމައެއާ އެކު، ސެނެގާލްގައި ބާއްވާ ޔޫތު އޮލިމްޕިކްސް އޮންނާނީ އޮކްޓޯބަރު 31އިން ފެށިގެން ނޮވެމްބަރު 13ވަނަ ދުވަހުގެ ނިޔަލަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު