ކުރިއަށް އޮތް އޭޝިއަން ގޭމްސްގައާއި ޔޫތު އޮލިމްޕިކްސްގައި ދިވެހިރާއްޖެ ތަމްސީލުކުރާ ކޮންޓިންޖެންޓުގެ އެންމެ ކުރީގައި ތިބެ، ގައުމީ ދިދަ އުފުލުމުގެ ފަޚުރުވެރި ޝަރަފު ލިބޭނެ އެތުލީޓުން އިއުލާނުކޮށް، އެ ކުޅުންތެރިންނާ ދިދަ ހަވާލުކޮށްފިއެވެ.
ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނީ މަޝްހޫރު ޓޭބަލް ޓެނިސް ކުޅުންތެރިޔާ މޫސާ މުންސިފް އަހުމަދުގެ އިތުރުން ޝޫޓިންގ އިން ރާއްޖެއަށް ބައިނަލްއަގުވާމީ ރިހި މެޑަލް ހޯދައިދިން މަރިޔަމް އީޝަލް މިސްބާހެވެ. އާންމުގޮތެއްގައި މުބާރާތް ބާއްވާ ގައުމުގައި ދިދަ ހަވާލުކުރި ނަމަވެސް، މި ފަހަރު ޖަޕާނުގެ އެކި ސަރަހައްދުތަކުގައި އެތުލީޓުން ކޭމްޕުކުރާނެތީ، މި ރަސްމިއްޔާތު ބާއްވާފައި ވަނީ މާލޭގެ މީރުމާ ހޯލުގައެވެ. މި ހަފްލާގެ ޝަރަފުވެރި މެހެމާނަކީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. އޭގެ އިތުރުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝީގާމީ ރުމީކޯ އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ)ވެސް ބައިވެރިވެވަޑައިގަތެވެ.
ދިދަ އުފުލުމުގެ ފުރުސަތު ލިބުމުން އެކަމާ އުފާފާޅުކުރަމުން މުންސިފް ބުނީ މިއީ އުންމީދުނުކުރާވަރުގެ ބޮޑު ޝަރަފެއް ކަމަށާއި، މިއާއެކު ގައުމަށް ރީތި ނަން ހޯދައިދިނުމުގެ ޒިންމާ އިތުރުވެއްޖެ ކަމަށެވެ. އަދި އޭޝިއާގެ ގަދަބާރުތަކާ ދެކޮޅަށް ކުޅެ، ވީހާ ވެސް ދުރަށް ދިއުމަކީ އަމާޒުކަމުގައި އޭނާ ފާހަގަކުރިއެވެ. ހަމައެހެންމެ، އީޝަލް ވެސް ވަނީ މިއީ ވަރަށް ބޮޑު ފަޚުރެއްކަން ފާހަގަކޮށް، ދިވެހިން އުފާވާ ފަދަ ނަތީޖާއެއް ނެރުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދީފައެވެ.
މި އަހަރުގެ އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެއިން ހަތް ކުޅިވަރެއްގައި ވާދަކުރާނެއެވެ. އޭގެ ތެރޭގައި ޓީޓީ، ބެޑްމިންޓަން، ބީޗް ވޮލީ، އެތުލެޓިކްސް، ސްވިމިންގ، ޝޫޓިންގ އަދި ސާފިންގ ހިމެނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ސާފިންގއިން ރާއްޖެއަށް ފުރުސަތު ލިބިފައިވަނީ ކޮލިފައިންގ ކާމިޔާބުކޮށްގެންނެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ޔޫތު އޮލިމްޕިކްސްގައި ރާއްޖޭގެ ފަރާތުން ދިދަ އުފުލާނީ ފެތުންތެރިން ކަމަށްވާ އަމްނާ ތަޒްކިޔާ މިރުސާދު (ތަޒްކީ)އާއި ލޫތު މުހައްމަދު ހުސެއިން ކަމަށް ވެސް މި ރަސްމިއްޔާތުގައި ވަނީ އިއުލާނުކޮށްފައެވެ. ޔޫތު އޮލިމްޕިކްސްގައި ރާއްޖެއިން ވާދަކުރަނީ ހަމައެކަނި ފެތުމުގެ އިވެންޓުތަކުގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.