ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގަށް ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ މަގުސަދުގައި، އިންޑިއާ އަދި ބްރޫނާއީގައި ކުޅެ ތަޖުރިބާ ހޯދާފައިވާ ސްޕެއިންގެ ޑިފެންޑަރު ލުއިސް ހެރްނާންޑޭޒް މަތިއަސް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ސޮއިކޮށްފިއެވެ.
އެ ކުލަބުގެ ރަސްމީ ފޭސްބުކް ސަފުހާގައި އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، އުމުރުން 28އަހަރުގެ ލުއިސް އަކީ ފަހަތަށް ކުޅުމުގެ އިތުރުން ޑިފެންސިވް މިޑްފީލްޑަރެއްގެ ދައުރު ވެސް އަދާކުރުމުގެ ގާބިލުކަން ލިބިފައިވާ ކުޅުންތެރިއެކެވެ. އޭނާގެ ފުޓުބޯޅަ ކެރިއަރުގެ ކުރީކޮޅު ގިނައިން ފެނިފައިވަނީ ސްޕެއިންގެ ދަށް ޑިވިޝަންތަކުގެ ކުލަބުތަކުންނެވެ.
ލުއިސް އެންމެ ފުރަތަމަ ގައުމުން ބޭރުގައި ކުޅެފައި ވަނީ ބްރޫނާއީގެ ޑީޕީއެމްއެމް އެފްސީ އަށެވެ. އެ ކުލަބާއެކު އޭނާ ވަނީ ބްރޫނާއީގެ އެފްއޭ ކަޕް ކާމިޔާބުކޮށް، ފުރަތަމަ ޑިވިޝަން ލީގާއި ޑޮމެސްޓިކް ކަޕްގެ ދެވަނަ މަގާމު ހާސިލުކޮށްފައެވެ. އޭގެ ފަހުން އިންޑިއާގެ ގޯކުލާމް ކެރެލާއަށް ކުޅުމަށްފަހު، މި އަހަރުގެ ކުރީކޮޅު އޭނާ ވަނީ ކެރެލާ ބްލާސްޓާސްއަށް ވެސް ކުޅެފައެވެ.
މި ފެށުނު ފުޓުބޯޅަ ސީޒަނާ ނިއުއިން ކުރިމަތިލީ ހަތަރު ބިދޭސީ ކުޅުންތެރިންނާއެކުގައެވެ. އޭގެ ތެރޭގައި ހިމެނެނީ ލައިބީރިއާގެ އަބްދުﷲ ޔާޔާ ބިލިޓީއާއި އަލްބާޓް ކޭ ސްވަންގެ އިތުރުން، ބްރެޒިލްގެ ގިލެރްމޯ ޑަސިލްވާ އަދި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްގައި ވިދާލި ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ގޯމޭޒްއެވެ. ނަމަވެސް، ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް އަދި ކަޕް ވިނާސް ކަޕްގައި އެ ކުލަބަށް އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ.
އެހެންކަމުން، ނަތީޖާތައް ރަނގަޅުކޮށް ޓީމު ވަރުގަދަ ކުރުމަށް މެނޭޖްމަންޓުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ފަހަކަށް އައިސް ތިނަދޫ ސިޓީގައި ނިއު އިން ކުރިއަށްގެންދިޔަ ޓުއަރގައި ލައިބީރިއާގެ ޑިފެންޑަރު އަލްބާޓް ކޭ ސްވަން ބައިވެރިވެފައެއް ނުވެއެވެ. މި ސަބަބާހުރެ، އަލަށް ގެނައި ސްޕެއިންގެ ޑިފެންޑަރަކީ ސްވަންގެ ބަދަލުގައި ޓީމާ ގުޅުނު ކުޅުންތެރިއެއްކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.