ބަންގްލަދޭޝް ޕްރެމިއާ ލީގު (ބީޕީއެލް)ފަސްކުރުމާ ގުޅިގެން ކުޅުންތެރިންނަށް މާލީގޮތުން ދިމާވި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ގައުމުގެ ކްރިކެޓް ބޯޑުން މުބާރާތްތަކުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އަންހެން އަދި ފިރިހެން ކްރިކެޓް ކުޅުންތެރިންގެ މުސާރަތައް އެތައް ގުނައަކުން ބޮޑުކޮށްފިއެވެ.
ބަންގްލަދޭޝް ކްރިކެޓް ބޯޑު (ބީސީބީ)ގެ ރައީސް ތަމީމް އިގްބާލް ހާމަކުރެއްވި އައު އުޖޫރައިގެ ތަފްސީލުތަކަށް ބަލާއިރު، ގައުމީ ޓީމު ތަމްސީލުކުރާ އެންމެ މަތީ ފަންތީގެ ކުޅުންތެރިންނަށް މެޗަކަށް ލިބޭ ފީ ވަނީ ފަންސާސް ހާސް ޓަކާއިން އިތުރުކޮށްފައެވެ. އެހެންކަމުން، އެއްވަނަ ދަރަޖައިގެ ކުޅުންތެރިންނަށް މިހާރު މެޗު ފީގެ ގޮތުގައި 150،000ޓަކާ (ގާތްގަނޑަކަށް 18،886ދިވެހި ރުފިޔާ)ލިބޭނެއެވެ. މީގެ އިތުރުން "އޭ"ގްރޭޑްގެ ކުޅުންތެރިންގެ މުސާރަ ލައްކައަކަށް އަރާފައިވާއިރު، ގައުމީ ލެވެލްގެ ޓީ 20މެޗުތަކަށް ދެމުން އައި ފީ ވަނީ 40،000ޓަކާއިން 80،000ޓަކާއަށް ދެގުނަ ބޮޑުކޮށްފައެވެ.
ފިރިހެން ކުޅުންތެރިންގެ އިތުރުން އަންހެން ކްރިކެޓް ކުޅުންތެރިންގެ އާމްދަނީއަށް ވެސް ވަނީ އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން، އަންހެން ކުޅުންތެރިން ކުޅޭ ހަތަރު ދުވަހުގެ މެޗުތަކުގެ ފީ 20،000އިން 40،000ޓަކާއަށް، އެއް ދުވަހުގެ މެޗުތަކުގެ ފީ 15،000އިން 30،000ޓަކާއަށް، އަދި ޓީ 20މެޗުތަކަށް ދޭ ފީ 10،000ޓަކާއިން 20،000ޓަކާއަށް ވަނީ މަތިކޮށްފައެވެ.
ކުޅުންތެރިންގެ އާމްދަނީއަށް ހުރަސްއެޅުނު ބީޕީއެލް ލަސްވުމުގެ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމުގެ ގޮތުން، ބީސީބީން މިހާރު ވަނީ ފްރެންޗައިޒް އުސޫލުން ކުޅޭ އައު ތިން މުބާރާތެއް މި އަހަރު ތެރޭގައި ކުރިއަށްގެންދިއުމަށް ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދުވަހުގެ ކްރިކެޓް ލީގަކާއި، އެއް ދުވަހުގެ މުބާރާތެއްގެ އިތުރުން ޓީ 20މުބާރާތެކެވެ.
މި ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބީސީބީގެ ރައީސް ތަމީމް ވިދާޅުވީ، މިއީ ހަމައެކަނި ލީގު ލަސްވުމުގެ ސަބަބުން ކުޅުންތެރިންނަށް ދޭ ބަދަލެއް ނޫން ކަމަށެވެ. އަދި މިއީ ކުޅުންތެރިންނަށް އެހީތެރިވުމުގެ ނިޔަތުގައި ދުރާލާ ރޭވިގެން، ވަރަށް ފުރިހަމަ ޕްލޭނެއްގެ ދަށުން އުޖޫރައިގެ އޮނިގަނޑަށް ގެނެވުނު ދާއިމީ ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.