ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފިޖީ ޕްރޯ ސަރފިންގ ޗެމްޕިއަންކަން ބްރޫކްސްއާއި ހައުޝްމަންޑަށް

ޝެއާ ކުރޭ Facebook Telegram Viber X

ފިޖީގެ ކްލައުޑްބްރޭކްގައި ނިމިގެންދިޔަ "ފިޖީ ޕްރޯ"ރާޅާއެޅުމުގެ މުބާރާތުގެ އެންމެ ޝަރަފުވެރި ވަނަތައް، ކެނެޑާއަށް ނިސްބަތްވާ ޒުވާން ތަރި އެރިން ބްރޫކްސް އާއި އެމެރިކާގެ ކުޅަދާނަ ރާޅާއެޅުންތެރިޔާ ކޯލް ހައުޝްމަންޑް ކާމިޔާބުކޮށްފިއެވެ.

އަންހެނުންގެ ޑިވިޝަންގެ ތަށި އުމުރުން 19އަހަރުގެ ބްރޫކްސް އަށް ލިބުނީ، ފައިނަލްގައި އޭނާއާ ދެކޮޅަށް ނުކުންނަން އޮތް އޮސްޓްރޭލިއާގެ އީސަބެލާ ނިކޯލްސްއަށް ލިބުނު އަނިޔާއަކާ ގުޅިގެން މެޗު ނުކުޅެވުމުންނެވެ. ނަމަވެސް މީގެ ކުރިން ސެމީ ފައިނަލްގައި ބްރޫކްސް ވަނީ ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ކެރީސާ މޯގެ މައްޗަށް 11.84އަދި 9.97ޕޮއިންޓުން ކުރިހޯދާފައެވެ. މިއީ އޮގަސްޓު މަހު އޮތް ޓަހީޓީ ޕްރޯ އަށްފަހު، ވޯލްޑް ޓުއަރގައި ބްރޫކްސް ޖެހިޖެހިގެން ހޯދި ދެވަނަ ކާމިޔާބީއެވެ.

މުބާރާތަށްފަހު ވާހަކަދައްކަމުން ބްރޫކްސް ބުނީ، އީސަބެލާއަކީ އޭނާއަށް ދައްތައެއް ފަދަ މީހަކަށް ވުމުން، އޭނާއަށް އަނިޔާވި ޚަބަރާއެކު ފުން ހިތާމައެއް ލިބުނު ކަމަށެވެ. އަދި މިދިޔަ ދެ މުބާރާތުގައި ލިބުނު ކާމިޔާބީއަކީ ގަބޫލުކުރަން ވެސް ދަތި، ހައިރާންކުރުވަނިވި ނަތީޖާތަކެއްކަން އޭނާ ފާހަގަކުރިއެވެ. މި މޮޅާއެކު ބްރޫކްސް މިހާރު ވަނީ އަންހެނުންގެ ރޭންކިންގެ 8ވަނައަށް ކުރިއަށް ޖެހިލާފައެވެ. ރޭންކިންގެ އެންމެ ކުރީގައި އަދިވެސް އޮތީ ހަވާއީގެ މޯއެވެ.

މުބާރާތުގެ ފިރިހެނުންގެ ޗެމްޕިއަންކަން ހައުޝްމަންޑް ކަށަވަރުކުރީ ފައިނަލްގައި ބްރެޒިލްގެ ގެބްރިއަލް މެޑީނާ ބަލިކުރުމަށް ފަހުގައެވެ. މެޗުގެ ކުރީކޮޅު މެޑީނާ ފުރިހަމަ 10ޕޮއިންޓް ހޯދައި ހައުޝްމަންޑަށް ޕްރެޝަރު ބޮޑުވި ނަމަވެސް، 16.87އާއި 15.17ޕޮއިންޓުގެ ނަތީޖާއަކުން ކުރިހޯދީ އެމެރިކާގެ ހައުޝްމަންޑެވެ. މި ސީޒަނުގެ ފުރަތަމަ ހަ މުބާރާތުން އަވަހަށް ކަޓައިގެން ދިޔަ ނަމަވެސް، މި ފަހަރުގެ މުބާރާތުގައި ހައުޝްމަންޑް ވަނީ އޭނާގެ މޮޅު ހުނަރުތައް ސާބިތުކޮށްދީފައެވެ. މިއީ ފާއިތުވި ތިން އަހަރުގެ ތެރޭގައި އެލީޓް ޓުއަރގައި އޭނާ ހޯދި ތިންވަނަ ތަށްޓެވެ.

ރާޅާއެޅުމުގެ ވޯލްޑް ޓުއަރގައި ދެން ތާވަލުކުރެވިފައިވާ މުބާރާތަކީ އަންނަ ސެޕްޓެމްބަރު މަހުގެ 11އިން 20އަށް އެމެރިކާގެ ސަދަން ކެލިފޯނިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓްރެސްޓްލެސް ޕްރޯއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު