އޭއެފްސީ ވިހި އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގައި ސްރީލަންކާއާ ދެކޮޅަށް ކުޅުމަށް ދިވެހިރާއްޖޭގެ ޒުވާން ޤައުމީ ފުޓުބޯޅަ ޓީމުން މިއަދު ހަވީރު ނުކުންނާނެއެވެ.
ރާއްޖެ ގަޑިން މިއަދު ހަވީރު 17:30ގައި ފަށާ މި މެޗަކީ ގްރޫޕް ކޭ ގައި ރާއްޖެއިން ކުޅޭނެ ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ބުރޫނާއީގެ މައްޗަށް 2-0ގެ ނަތީޖާއަކުން ދިވެހި ޓީމު ކުރިހޯދާފައިވާއިރު، ލަންކާ ވަނީ އެ ޤައުމު ކުޅުނު ފުރަތަމަ މެޗުގައި 4-0އިން މިޔަންމާ އަތުން ބޮޑު ތަފާތަކުން ބަލިވެފައެވެ.
ބްރޫނާއީ ބަލިކުރި މެޗަށްފަހު މީޑިއާއާ ވާހަކަދައްކަމުން ދިވެހި ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން ބުނެފައި ވަނީ، މޮޅެއް ލިބުނު ނަމަވެސް ޓީމުގެ ކުޅުމުގައި އަދިވެސް އިސްލާޙުކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ޚާއްޞަކޮށް ލަނޑުޖަހަން ލިބޭ ރަނުގެ ފުރުޞަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ނުހިފޭކަން ފާހަގަކޮށް، ލަންކާ މެޗަށް ނުކުންނާނީ އެކަންކަން ރަނގަޅުކޮށް މާ ވަރުގަދަ ރޫޙެއްގައިކަމަށް އޭނާ ވަނީ ޔަޤީންކަން ދީފައެވެ.
މި ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސް ބަހާލެވިފައިވަނީ ޖުމްލަ 12ޤައުމު ވާދަކުރާ ތިން ގްރޫޕެއްގެ މައްޗަށެވެ. ރާއްޖެއާއި، ސްރީލަންކާ އަދި މިޔަންމާގެ އިތުރުން ބްރޫނާއީ ހިމެނެނީ ގްރޫޕް ކޭ ގައެވެ. މި ފޭސްގެ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަކަށް (ޖުމްލަ ހަ ޓީމަކަށް)އަންނަ އަހަރު އޮންނަ ކޮލިފިކޭޝަން ފޭސްއިން ޖާގަ ކަށަވަރުވާނެއެވެ. ނަމަވެސް މިއަހަރުގެ ކޮލިފިކޭޝަން ފޭސްއިން މި ޓީމުތަކަށް އެއްވެސް ފުރުޞަތެއް ނުލިބޭނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.