ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކޮލިފިކޭޝަންގެ ޖާގައެއް ދިވެހި ޓީމުން ޔަޤީންކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

މިޔަންމާގައި ކުރިއަށްދާ 20އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގައި މިއަދު ސްރީ ލަންކާ އަތުން 4-0އިން މޮޅުވެ، 2029ވަނަ އަހަރުގެ އޭޝިއަން ކަޕްގެ މައި ކޮލިފިކޭޝަން ފޭސްގައި ވާދަކުރުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ޒުވާން ޤައުމީ ފުޓުބޯޅަ ޓީމުން ކަށަވަރުކޮށްފިއެވެ. 

މި މެޗުގައި ދިވެހި ޓީމުން ދެއްކި މޮޅު ކުޅުމާ އެކު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން ވަނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ ލީޑު ނަގައިދީފައެވެ. އޭގެ ފަހުން މެޗުގެ 60ވަނަ މިނެޓުގައި މުޙައްމަދު ޝަމްހާން ލީޑު ފުޅާކޮށްދިންއިރު، ރާއްޖެއިން ކާމިޔާބުކުރި އަނެއް ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ނައްސާހު އިބްރާހީމް ނާސިރެވެ.

މިޔަންމާގައި ކުޅޭ ގްރޫޕް ކޭ ގައި ރާއްޖޭގެ އިތުރުން ހިމެނެނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ މިޔަންމާއާއި، ލަންކާ އަދި ބްރޫނާއީ ދާރުއްސަލާމެވެ. މިއަދު ކުޅުނު އަނެއް މެޗުގައި މިޔަންމާއިން ވަނީ 7-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ބްރޫނާއީ ބަލިކޮށްފައެވެ. ފުރަތަމަ މެޗުގައި ރާއްޖެއިން 2-0އިން ބްރޫނާއީ ބަލިކޮށްފައިވާއިރު، މިޔަންމާއިން ވަނީ 4-0އިން ލަންކާގެ މައްޗަށް ކުރިހޯދާފައެވެ. މި ނަތީޖާތަކާ އެކު ދެ މެޗުން މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކު ރާއްޖެ އާއި މިޔަންމާއަށް ވަނީ، ޑިވެލޮޕްމަންޓް ފޭސްގައި ހިމެނޭ ތިން ގްރޫޕުގެ ތެރެއިން ގަދަ ދެޓީމަށް ލިބޭ، 2029ގެ މައި ކޮލިފައިންގެ ޖާގަ ޔަޤީންވެފައެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ އޮނިގަނޑު މިފަހަރު ބަހާލާފައި ވަނީ މަތީ ރޭންކިންގގެ ޤައުމުތައް ވާދަކުރާ ކޮލިފިކޭޝަން ފޭސްއާއި، ދަށް ރޭންކިންގގެ ޤައުމުތައް ވާދަކުރާ ޑިވެލޮޕްމަންޓް ފޭސްއަށެވެ. މައި ކޮލިފިކޭޝަން ފޭސްގެ ގްރޫޕްތަކުން އެއްވަނަ ހޯދާ ޓީމުތަކާއި އެންމެ ނަތީޖާ ރަނގަޅު ދެވަނަ ޓީމުތައް (ޖުމްލަ 7ޓީމު)އަންނަ އަހަރު ޗައިނާގައި އޮންނަ މުބާރާތަށް ކޮލިފައިވާއިރު، ކޮލިފިކޭޝަން ގްރޫޕްތަކުގެ ފުލަށްދާ ޓީމުތައް ޑިވެލޮޕްމަންޓް ފޭސްއަށް ރެލިގޭޓްވާނެއެވެ. މި ފަހަރުގެ ކޮލިފައިންގައި ރާއްޖެ ކުޅޭ ފަހު މެޗުގައި، މި މަހުގެ ހަވަނަ ދުވަހު ނުކުންނާނީ މިޔަންމާއާ ދެކޮޅަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު