ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކްރިކެޓް ކުޅުންތެރިންނަށް އެންމެ ފުރިހަމަ އެކޮމޮޑޭޝަން ފޯރުކޮށްދެނީ

ޝެއާ ކުރޭ Facebook Telegram Viber X

ކުރިއަށް އޮތް އޭޝިއަން ގޭމްސްގައި ބައިވެރިވާ ކްރިކެޓް ކުޅުންތެރިންނަށް އެންމެ މަތީ ފެންވަރުގެ ހޮޓާތަކުން ޖާގަ ހަމަޖައްސައިދޭނެކަމުގެ ޔަޤީންކަން، މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ޖަޕާނުން ދީފިއެވެ.

ޖަޕާން ކްރިކެޓް އެސޯސިއޭޝަންގެ ސީއީއޯ ނައޯކީ އެލެކްސް މިޔާއީ ވަނީ، ގޭމްސްގައި ވާދަކުރާ ކްރިކެޓް ޓީމުތައް ބޭތިއްބުމުގެ އިންތިޒާމުތަކާމެދު އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ޙައްލެއް ގެނެސްދެއްވާނެކަމަށް ވިދާޅުވެފައެވެ.

އޭޝިއާ ބައްރުގެ ބޮޑެތި ޤައުމުތައް ކަމަށްވާ އިންޑިއާ، ޕާކިސްތާން، ސްރީލަންކާ އަދި ބަނގްލަދޭޝް ފަދަ ޤައުމުތަކަކީ ކްރިކެޓުގައި ދުނިޔޭގެ ނަންހިނގާ ގަދަ ބާރުތަކެވެ. އެހެންނަމަވެސް ޖަޕާނަކީ ކްރިކެޓުގެ ފޯރި ކުޑަ ޤައުމަކަށް ވުމުން، މުބާރާތަށް އަންނަ މަތީ ފަންތީގެ ކުޅުންތެރިންނަށް އެކަށީގެންވާ ވަސީލަތްތަކާއި އިންތިޒާމުތައް ހަމަޖެހިފައި ނުވެދާނެތީ އެ ޤައުމުތަކުން އޮތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބޭނުންވާ ފެންވަރުގެ އިންތިޒާމުތައް ޤާއިމުވެފައި ނެތްނަމަ، އިންޑިއާއިން މުބާރާތަށް ފޮނުވާނީ އެ ޤައުމުގެ ދެވަނަ ދަރަޖައިގެ ޓީމެއްކަމަށް އޮތީ ބުނެފައެވެ.

މި ފަހަރުގެ ގޭމްސްގައި 17،000އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވާއިރު، އެންމެނަށް އެކަށޭނެ ފެންވަރުގެ ވަސީލަތްތައް ޤާއިމުކުރެވިފައި ނެތްކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ. އެގޮތުން ޚާއްޞަ އެތުލީޓްސް ވިލެޖެއް ނެތުމުން، ގިނަ ކުޅުންތެރިން ބައިތިއްބަން ނިންމާފައި ވަނީ ކްރޫޒް ލައިނާ ތަކުގައާއި، ވަކަރުން ފަރުމާކޮށްފައިވާ ކޮންޓެއިނަރު ކޮޓަރިތަކުގައެވެ.

"މުބާރާތަށް ތައްޔާރުވުމަށް އަޅުގަނޑުމެންނަށް ލިބުނީ އެންމެ 17މަސްދުވަސް. އެހެންނަމަވެސް އަޅުގަނޑުމެން ކްރިކެޓް ކުޅުންތެރިން ބައިތިއްބާނީ ހޮޓާތަކުގައި. މިދަނީ ކްރިކެޓް ކުޅޭ ޤައުމުތަކާއެކު މިކަމުގެ މަޝްވަރާތައް ކުރަމުން. އެންމެ ފެންވަރު ރަނގަޅު ކޮޓަރިތައް ޚާއްޞަކުރާނީ ކްރިކެޓް ކުޅުންތެރިންނަށް"ނައޯކީ ވިދާޅުވިއެވެ.

އޭޝިއަން ކްރިކެޓް ކައުންސިލާ ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ނަގޯޔާ ސިޓީގައެވެ. ޖަޕާނުން ހާމަކޮށްފައިވާ ގޮތުގައި ކުޅުންތެރިންގެ އެކޮމޮޑޭޝަން ހަމަޖައްސާނީ ދަނޑަށް ދާން ރޭލުގައި 40މިނެޓަށްވުރެ ގިނައިރު ނުނަގާނެ ސަރަޙައްދުތަކުގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު