ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ކުޅިވަރު އެކުވެނީގެ އައުޓްޑޯ ކޯޓުގައި ކުރިއަށްގެންދިޔަ ރާއްޖެ ޖޫނިއަރ ވޮލީބޯޅަ ޗެމްޕިއަންޝިޕް 2026ގެ 14އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ބައިގެ ޗެމްޕިއަންކަންވެސް މޮޅު ކުޅުމަކާ އެކު އދ. އަތޮޅު މަދަރުސާއިން ފަޚުރުވެރިކަމާއެކު ކާމިޔާބުކޮށްފިއެވެ.
ރޭ ކުޅެވުނު ފިރިހެން ކުދިންގެ ފައިނަލް މެޗުގައި އދ. އަތޮޅު މަދަރުސާ ނުކުތީ ހުރަވީ ސްކޫލާ ދެކޮޅަށެވެ. މި މެޗު ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބުކުރީ އދ. އަތޮޅު މަދަރުސާއިންނެވެ. އެ ޓީމުން ސެޓުތައް ގެންދިޔައީ 25-09އަދި 25-10އިންނެވެ. އޭގެ ކުރިން އިއްޔެ ހަވީރު ކުޅުނު އަންހެން ބައިގެ ފައިނަލްގައި އދ. އަތޮޅު މަދަރުސާއިން ވާދަކުރީ އދ. ދިގުރަށު ސްކޫލާއެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުވެސް 25-19އަދި 25-19އިން ސީދާ ދެ ސެޓުން ކާމިޔާބުކުރީ އދ. އަތޮޅު މަދަރުސާއިންނެވެ.
މި އަހަރުގެ މުބާރާތުގެ 14އަހަރުން ދަށުގެ ފިރިހެން ބައިގައި ޖުމްލަ ފަސް ސްކޫލަކުން ވާދަކޮށްފައިވާއިރު، އަންހެން ބައިގައި ހަތް ސްކޫލަކުން ވަނީ ބައިވެރިވެފައެވެ.
މުބާރާތުގެ އެކި ވަނަތަކަށް ބަލާއިރު، ދެ ޑިވިޝަނުގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާ (އެމްވީޕީ)އަދި އެންމެ މޮޅު ލިބަރޯގެ މަގާމު ހޯދާފައިވަނީ ޗެމްޕިއަން އދ. އަތޮޅު މަދަރުސާގެ ދަރިވަރުންނެވެ. ފިރިހެން ބައިގެ އެމްވީޕީއަކަށް އަހުޝަމް އަޙްމަދު ހޮވުނުއިރު، އެންމެ މޮޅު ލިބަރޯއަކީ އާދަމް ނިއަމް އެވެ. އަންހެން ބައިގެ އެމްވީޕީގެ މަގާމު އާމިނަތު މާނީ މުޙައްމަދު ހޯދިއިރު، އެންމެ މޮޅު ލިބަރޯއަކަށް ހޮވުނީ އައިޝަތު ޒީން އަޙްމަދު އެވެ.
ފިރިހެން ޑްރީމް ޓީމުގައި ދެން ހިމެނުނީ އދ. އަތޮޅު ސްކޫލުގެ އިސްމާއީލް ކައިލް މުޙައްމަދުއާއި އިބްރާހީމް ސައިލާން މުޙައްމަދު ހަމްދާންގެ އިތުރުން ހުރަވީ ސްކޫލުގެ އަލީ ހިޝާމްއާއި އިބްރާހީމް އައިޒަން ޒިޔާދު އަދި އިމާދުއްދީން ސްކޫލުގެ އަލީ އިދާން އިބްރާހީމް އާސިފް އެވެ.
އަންހެން ޑްރީމް ޓީމުގައި ހިމެނޭ އަނެއް ކުޅުންތެރިންނަކީ އދ. އަތޮޅު ސްކޫލުގެ މަރްޔަމް ރޭނާ ހުސެއިން އާއި އައިޝަތު ޝިނީން އަބްދުﷲ ޝަރީފް، ހުރަވީ ސްކޫލުގެ މަރްޔަމް އައިނާ އިބްރާހީމް، އަދި ދިގުރަށު ސްކޫލުގެ ޒީކް ބިންތު އިބްރާހީމް އުސްމާން އާއި އާމިނަތު އީކާ އިލްހާޒްއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.