ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އަންހެނުންގެ ކްރިކެޓް މުބާރާތް ބާއްވާނީ އިންޑިއާގައި

ޝެއާ ކުރޭ Facebook Telegram Viber X

އަންނަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވުމަށް ތާވަލުކޮށްފައިވާ އަންހެނުންގެ ފުރަތަމަ އައިސީސީ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތް ބާއްވާ ގައުމަކަށް އިންޑިޔާ ހަމަޖައްސައިފިއެވެ.

ކުރިން ސްރީލަންކާގައި ބޭއްވުމަށް ނިންމާފައި އޮތް މި މުބާރާތް އިންޑިޔާގެ މުމްބާއީއަށް ބަދަލުކުރަން އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)އިން ނިންމީ، ލަންކާގެ ކްރިކެޓް ބޯޑަށް އެ ގައުމުގެ ސަރުކާރުގެ ނުފޫޒު ވަދެފައިވާތީ އެކަމުގެ އަދަބެއްގެ ގޮތުންނެވެ. ފެބްރުއަރީ 14އިން 28އަށް ކުރިއަށްދާ މި މުބާރާތް ބާއްވާނެ ގައުމެއް ކަނޑައެޅުމުގެ ކުރިން އައިސީސީން ވަނީ އިންޑިޔާގެ އިތުރުން ބަނގްލަދޭޝް އަދި ދެކުނު އެފްރިކާގެ ވަސީލަތްތައް ވެސް އިންސްޕެކްޓް ކޮށްފައެވެ.

ލަންކާގެ ކްރިކެޓް ބޯޑުގެ ހިންގުމަށް ސަރުކާރުން އަތްބޭނުމާ ގުޅިގެން، މިދިޔަ އޭޕްރީލް މަހު އެ ބޯޑުގެ ހުރިހާ މެންބަރުންގެ މަގާމު ވަނީ ގެއްލިފައެވެ. މިހާރު އެ ގައުމުގެ ކްރިކެޓް ބޯޑު ވަގުތީ ގޮތުން ހިންގަމުންދަނީ ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑަކުންނެވެ. މި ވަގުތީ ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތަކީ އާ އިންތިހާބެއް ބޭއްވުމެވެ.

މުބާރާތް ބޭއްވުމުގެ ފުރުސަތު ލަންކާއަށް ގެއްލުނު ނަމަވެސް، އެ ގައުމަށް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ބަންދެއް ނުވެއެވެ. އައިސީސީ ރޭންކިންގެ ހަވަނައިގައި ލަންކާ އޮތްއިރު، މުބާރާތް ބާއްވާ އިންޑިޔާއަކީ ގަދަ ފަސް ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ރޭންކިންގެ ގަދަ ފަހަކުން ބޭރުގެ ގައުމެއްގައި މި މުބާރާތް ބޭއްވި ނަމަ، ލަންކާއަށް ލިބިފައިވާ ޖާގައާ މެދު ސުވާލު އުފެދޭނެއެވެ. މި މުބާރާތް ކުރިއަށްދާނީ ރޭންކިންގެ ގަދަ ހަ ގައުމުގެ މެދުގައި ލީގު އުސޫލުންނެވެ. އެ ގައުމުތަކަކީ އިންޑިޔާ، ލަންކާ، އޮސްޓްރޭލިޔާ، ނިއުޒީލޭންޑް، ދެކުނު އެފްރިކާ އަދި އިންގްލޭންޑެވެ.

އައިސީސީގެ ޗެއާމަން ޖޭ ޝާހް ވިދާޅުވީ މި މުބާރާތަކީ ދުނިޔޭގެ އަންހެން ކްރިކެޓް ކުޅުންތެރިންނަށް ކުރިއަށްދާން ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި އަމާޒަކީ ކޮންމެ އަހަރަކު ވެސް މި މުބާރާތް ބޭއްވުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން އެއްތަނަކުން ބައްދަލުވާނެ އައު މުބާރާތެއް ފެށުމަކީ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެ. އަހަރުމެންގެ އަމާޒަކި މި މުބާރާތް ކޮންމެ އަހަރަކު ބޭއްވުން. މީގެ ސަބަބުން އަންހެން ކްރިކެޓްގެ މާކެޓިން ވެލިއު މަތިވެ. ސަޕޯޓަރުންނާއި ކުޅުންތެރިންނަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ"ޖޭ ޝާހް ވިދާޅުވިއެވެ. 
ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު