ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އޭޝިއަން ގޭމްސްއަށް އުތުރު ކޮރެޔާގެ 100 އެތުލީޓުން

ޝެއާ ކުރޭ Facebook Telegram Viber X

ޖަޕާނުގައި މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގައި ވާދަކުރުމަށް 100އެތުލީޓުންގެ ކޮންޓިންޖެންޓެއް ފޮނުވަން އުތުރު ކޮރެޔާ ސަރުކާރުން ނިންމައިފިއެވެ.

މި މުބާރާތުގައި އެ ގައުމުގެ އެތުލީޓުން 14ކުޅިވަރަކުން ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

ނިއުކްލިއާ ބާރެއްގެ ގޮތުގައި އޮތް އުތުރު ކޮރެޔާއިން ކޮވިޑް- 19އާ ގުޅިގެން ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތަކަށް އެތުލީޓުން ފޮނުވުން ހުއްޓާލުމަށްފަހު، ގައުމުން ބޭރުގެ ބޮޑު މުބާރާތެއްގައި ބައިވެރިވާ މިއީ ތިންވަނަ ފަހަރެވެ. މީގެކުރިން އެ ގައުމުން ވަނީ 2023ވަނަ އަހަރު ޗައިނާގައި ބޭއްވި އޭޝިއަން ގޭމްސްގެ އިތުރުން ޕެރިސް އޮލިމްޕިކްސްގައި ވެސް ވާދަކޮށްފައެވެ. މިފަހަރުގެ ގޭމްސްގައި ވާދަކުރާ ކޮރެޔާގެ ޓީމުގައި ޖަޕާނު ދަރިކޮޅުގެ އެތުލީޓުން ވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

އުތުރު ކޮރެޔާގެ އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ކޯ ހޯ ވިދާޅުވި ގޮތުގައި، އެ ގައުމުގެ ކޮންޓިންޖެންޓުގައި އަންހެން އަދި ފިރިހެން ކުޅުންތެރިން ހިމެނޭހެން 100އަށްވުރެ ގިނަ އެތުލީޓުން ހިމެނޭނެއެވެ. އަދި އެ ގައުމުން ވާދަކުރާ ކުޅިވަރުތަކުގެ ތެރޭގައި ފުޓުބޯޅަ، ބަރުއުފުލުން، ބޮކްސިން އަދި ރެސްލިން ހިމެނެއެވެ.

މީގެ ތިން އަހަރު ކުރިން ޗައިނާގައި ބޭއްވި ގޭމްސްއާ އަޅާބަލާއިރު މިފަހަރު ފޮނުވާ އެތުލީޓުންގެ އަދަދު މަދެވެ. ނަމަވެސް، ކުރިއަށްވުރެ ރަނގަޅު ކާމިޔާބީއެއް ހޯދޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ކޯ ހޯ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެތުލީޓުން ދަނީ ވަރަށް ބުރަކޮށް ތައްޔާރުވަމުން ކަމަށާއި، ކުރީ ފަހަރަށްވުރެ ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އެންމެ ފަހުން ޗައިނާގައި ބޭއްވި ގޭމްސްގައި އުތުރު ކޮރެޔާއިން ވަނީ 11ރަން މެޑަލް ހާސިލުކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު