ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރެއާލުން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި

ޝެއާ ކުރޭ Facebook Telegram Viber X

ރޭ ސްޕެނިޝް ލަލީގާގައި އަމިއްލަ ދަނޑު ސެންޓިއާގޯ ބާނަބިއުގައި ކުޅުނު މެޗުގައި މަލާގާގެ މައްޗަށް 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައި، ރެއާލް މެޑްރިޑުން އެ ޓީމުގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް ގެންގޮސްފިއެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ ރެއާލުންނެވެ. މި ފުރިހަމަ ކާމިޔާބީއާ އެކު އެ ޓީމުން ވަނީ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ޖުމްލަ ނުވަ ޕޮއިންޓު އެއްކޮށްފައެވެ.

މެޗުގެ ވަރަށް ކުރީކޮޅު ރެއާލުން ވަނީ ލަނޑުޖަހަން ފަށާފައެވެ. އެގޮތުން، މެޗުގެ 19ވަނަ މިނިޓުގައި ޖޫޑް ބެލިންހަމް ވަނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެ ހަތް މިނިޓު ފަހުން ރެއާލްގެ ލީޑު ފުޅާވީ މަލާގާގެ އަލްފޮންސޯ ހެރޭރޯ ބޯޅަ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ 15މިނިޓު ކުރިން ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހައި، 3-0އަށް ނަތީޖާ ބަދަލުކޮށްލާފައެވެ.

މެޗުގައި ރެއާލުން ޖެހި ހަތަރުވަނަ ލަނޑު ފެނިގެންދިޔައީ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިންޖަރީ ވަގުތުގެ ތެރޭގައެވެ. މި ލަނޑު ވިނިޝިއަސް ޖޫނިއާ ތަނަވަސްކޮށްދިން ރީތި ފުރުސަތަކުން ކާމިޔާބުކުރީ އާޑާ ގުލާއެވެ.

މިއީ މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ރެއާލް މެޑްރިޑާ ދެވަނަ ފަހަރަށް ހަވާލުވި ފަހުން އެ ޓީމުން ލީގުގައި ކުޅުނު ތިންވަނަ މެޗެވެ. އޭނާ ވަނީ މީގެ ކުރިން 2010އިން 2013އަށްވެސް އެ ކުލަބަށް އިރުޝާދުދީ، ސްޕެނިޝް ލީގާއި ކޮޕާ ޑެލްރޭގެ ތާޖު ރެއާލަށް ހޯދައިދީފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު