ސްޕެނިޝް ލަލީގާގެ އާ ސީޒަންގައި އަލަށް ޕްރޮމޯޓްވި މަލާގާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން 2-0ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ކްލަބް ދޫކޮށްލަން އުޅޭކަމުގެ އަޑުތައް ފެތުރިފައިވާ މުހިންމު ފޯވާޑް އަލްވަރޭޒް ނުލައި އެތުލެޓިކޯ މެޑްރިޑުން ލީގުގެ ފެށުން ފުރިހަމަކޮށްފިއެވެ.
ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕީއެސްޖީގެ ކުރީގެ މިޑްފީލްޑަރު ލީ ކަން-އިން މެޗުގެ 70ވަނަ މިނެޓުގައި ލަނޑެއް ޖަހައި އެތުލެޓިކޯއަށް ކުރިހޯދައިދިން އިރު، މެޗުގެ 85ވަނަ މިނެޓުގައި ހިތްގައިމު ހިލޭ ޖެހުމަކުން އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ އަލެކްސް ބައެނާއެވެ. ލީ ކަން-އިން ލަނޑު ޖަހާފައި ވަނީ ކުޅެން ނުކުތްތާ 13މިނެޓުގެ ތެރޭގައެވެ.
އެތުލެޓިކޯއަށް ކުޅެދިން ފުރަތަމަ މެޗުގައި ގޯލު ޖެހުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ލީ ބުނީ، އަމިއްލަ ކުޅުމުގެ ޓެމްޕޯއާ މެދު މުޅިން ހިތްހަމަނުޖެހުނު ނަމަވެސް، ޓީމު މޮޅުވުމުން އުފާކުރާ ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި ކުޅުން އިތުރަށް ރަނގަޅުކުރާނެ ކަމަށެވެ. މެޗުގައި ފެނިގެންދިޔަ މި ދެ ލަނޑަކީ، ޓީމުގެ އިތުބާރު ފޯވާޑް ކްލަބް ދޫކޮށްލަފާނެތީ ހާސްކަމެއްގެ ތެރޭގައި ހުރި ކޯޗު ޑިއެގޯ ސިމިއޯނޭއަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
ބާސެލޯނާގެ ލެވަންޑޯސްކީގެ ބަދަލުގައި އެ ޓީމަށް އަލްވަރޭޒް ގެންދަން މަސައްކަތްކުރަމުންދާއިރު، އޭނާ ވެސް ވަނީ އެ ކްލަބަށް ބަދަލުވާން ބޭނުންވާކަން ހާމަކޮށްފައެވެ. ނަމަވެސް، އަންނަ ސެޕްޓެމްބަރު މަހުގެ 1ވަނަ ދުވަހު ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން، އާދިއްތަ ދުވަހު ވިޔަރެއާލްއާ ދެކޮޅަށް ކުޅޭ މެޗުގައި އަލްވަރޭޒްގެ ބޭނުން ހިފޭނެކަމަށް އެތުލެޓިކޯއިން އަދިވެސް އުންމީދުކުރެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.