ޗެމްޕިއަންސް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑްގެ ދަނޑުގައި ކުޅުނު މެޗުން 2-0ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިވުމާ ގުޅިގެން، އެ ޓީމުގެ އާޖެންޓީނާ ޑިފެންޑަރު ލިސަންދްރޯ މާޓިނޭޒް ކްލަބުގެ މެނޭޖްމަންޓަށާއި ބޯޑަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
އެތުލެޓިކޯގެ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ފުރަތަމަ މިނެޓުގައި ޕަބްލޯ ބަރިއޮސް އެތުލެޓިކޯއަށް ކުރިހޯދައިދިންއިރު، ޔުނައިޓެޑުގެ ލެނީ ޔޯރޯއަށް 74ވަނަ މިނެޓުގައި ރަތްކާޑު ދެއްކިފަހުން، 79ވަނަ މިނެޓުގައި އަޑެމޯލާ ލުކްމަން ވަނީ އެތުލެޓިކޯގެ ދެވަނަ ލަނޑު ޖަހާފައެވެ.
މެޗަށް ފަހު ވާހަކަދައްކަމުން މާޓިނޭޒް ބުނީ ޓީމުގެ ކުޅުން ފެނުނީ ވަރަށް ދަށްކޮށް ކަމަށެވެ. އަދި މިދިޔަ ސީޒަނުގައި ތިންވަނަ ހޯދައި ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުން، ކްލަބުން ކުޅުންތެރިންނަށް އެކަށީގެންވާ އިންވެސްޓެއް ކުރާނެކަމަށް އުއްމީދުކުރި ކަމަށް އޭނާ ފާހަގަކުރިއެވެ. މީގެއިތުރުން ޓީމުގެ ޓެކްނިކަލް ޑިރެކްޓަރު ޖޭސަން ވިލްކޮކްސްގެ ފަރާތުން ބޮޑެތި އުއްމީދުތަކެއް ކުރެވުނުކަން ހާމަކުރަމުން މާޓިނޭޒް ބުނީ، ކުޅުންތެރިންގެ ހައިސިއްޔަތުން އިތުރަށް މަސައްކަތްކުރަން ޖެހޭ ފަދައިން، މިފަދަ މުހިންމު މެޗުތަކާ ކުރިމަތިލެވޭނެ ވަރުގަދަ ސްކޮޑެއް އެކުލަވައިލުމަކީ ބޯޑުގެ މަސްއޫލިއްޔަތެއް ކަމަށެވެ.
ކޯޗު މައިކަލް ކެރިކަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވެފައިވީ ނަމަވެސް، މާޓިނޭޒް ގަބޫލުކުރާ ގޮތުގައި ކޯޗު މަގާމުން ވަކިކުރުމަކީ މައްސަލައިގެ ހައްލެއް ނޫނެވެ.
"ކޯޗު ބަދަލުކޮށްކޮށް ނުތިބެވޭނެ. ކޮބާ ޓީމުގެ އެހެން ދިމަދިމާތައް؟ ނެތް އިތުރަށް އެއްޗެއް ބުނެވޭކަށް"
މާޓިނޭޒް ބުންޏެވެ. އޭނާ އިތުރަށް ބުނީ މިދިޔަ ސީޒަނުގައި ރަނގަޅު ޓީމެއް ބިނާކުރަން ވަރުގަދަ ބިންގަލެއް އެޅުނު ނަމަވެސް، އެ މަސައްކަތް އިތުރަށް ކުރިއަށް ގޮސްފައިނުވާ ކަމަށެވެ.
ނަމަވެސް، ޔުނައިޓެޑުގެ ކުރީގެ ފޯވާޑް ވޭން ރޫނީ ވަނީ މާޓިނޭޒް މާބޮޑަށް ފާޑުކިޔާފައިވާ ކަމަށް ބުނެފައެވެ. ރޫނީ ބުނި ގޮތުގައި އެއީ މީޑިއާގެ ކުރިމަތީގައި ދެއްކުމުގެ ބަދަލުގައި ޓީމުގެ އެތެރޭގައި ދައްކަންޖެހޭ ވާހަކަތަކެކެވެ. މިއަހަރުގެ ޓްރާންސްފާ ބާޒާރުގައި ޔުނައިޓެޑުން 185މިލިއަން ޑޮލަރު ހޭދަކޮށްގެން ކާލޯސް ބަލޭބާ، ޔޫރީ ޓިއެލެމަންސް އަދި އަންދްރޭ ސަންތޯސް ގެނައި ނަމަވެސް، އެހެން ޑިޕާޓްމަންޓްތައް ވަރުގަދަ ނުކުރުމުން ސަޕޯޓަރުންގެ ކަންބޮޑުވުންތައް ވަނީ ބޮޑުވެފައެވެ.
ޕްރިމިއާ ލީގުގައި މިއީ ފާއިތުވި 40އަހަރުގެ ތެރޭގައި ޔުނައިޓެޑުން ސީޒަނެއްގައި ދެއްކި އެންމެ ދަށް ފެށުމެވެ. ލީގާއި ޗެމްޕިއަންސް ލީގު ހިމެނޭހެން އެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅެއް ހޯދިފައެއް ނުވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.