ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެތުލެޓިކޯގެ ފުރަތަމަ ލީގު މެޗުގައި އަލްވަރޭޒް ނުކުޅޭނެ!

ޝެއާ ކުރޭ Facebook Telegram Viber X

ބާސެލޯނާއަށް ބަދަލުވުމުގެ އަޑުތައް ގަދަވެފައިވާ އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް، ސްޕެނިޝް ލީގުގައި މަލާގާއާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑް ކުޅޭ ފުރަތަމަ މެޗުގައި ނުފެންނާނެކަން އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނީ ކަށަވަރުކޮށްދީފިއެވެ.

ކުރިއަށް އޮތް މެޗުގައި އޭނާ ނުކުޅޭނެކަން ނޫސްވެރިންނަށް އިއުލާނުކުރަމުން ސިމިއޯނީ ބުނީ، އަލްވަރޭޒް ބާކީކުރީ ފިޓްނަސް ރަނގަޅުކުރުމަށް އިތުރު ފަރިތަކުރުންތައް ބޭނުންވާތީ ކަމަށާއި، އަމާޒަކީ އަންނަ އާދީއްތަ ދުވަހު ވިޔަރެއާލްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗަށް އޭނާ ފުރިހަމައަށް ތައްޔާރުކުރުން ކަމުގައެވެ. އަދި އަލްވަރޭޒްއަކީ އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށާއި މުޅި ޓީމު ބިނާކުރާނީ އޭނާގެ މައްޗަށް ކަމަށް ވެސް ކޯޗު ފާހަގަކުރިއެވެ.

އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ އެހެން ކުލަބަކަށް ބަދަލުވާން ބޭނުންވާކަމަށް ރިޕޯޓުތައް ބުނާއިރު، ސްޕެއިންގެ ނޫސްތަކުން ލަފާކުރާ ގޮތުގައި އޭނާ ދިއުން އެންމެ ގާތީ ބާސެލޯނާއަށެވެ. އެހެންނަމަވެސް، އެތުލެޓިކޯގެ ސީއީއޯ މިގޭލް އެންހެލް ގިލް މާރިން ވަނީ 200މިލިޔަން ޔޫރޯގެ ބޮޑު ހުށަހެޅުމެއް ލިބުނު ކަމުގައި ވިޔަސް މުހިންމު ކުޅުންތެރިން ނުވިއްކާނެކަން ސާފުކޮށްދެއްވާފައެވެ. ސީއީއޯގެ މި ނިންމުމަށް ތާއީދުކުރަމުން ސިމިއޯނީ ބުނީ، ކުލަބުގެ ވެރިޔާގެ ނިންމުމަކީ ފަހުބަސް ކަމަށާއި އެއީ ފަނޑިޔާރެއްގެ ހުކުމް ފަދަ ބަދަލުނުކުރެވޭނެ ނިންމުމެއް ކަމަށެވެ.

މެންޗެސްޓަރ ސިޓީން 75މިލިޔަން ޔޫރޯ (86.8މިލިޔަން ޑޮލަރު)ގެ ފީއަކަށް 2024ވަނަ އަހަރު އެތުލެޓިކޯއާ ގުޅުނު އަލްވަރޭޒް ވަނީ އެ ޓީމަށް ކުޅެދިން 106މެޗުގައި 49ލަނޑު ކާމިޔާބުކޮށްފައެވެ. 2026ވަނަ އަހަރުގެ ވޯލްޑް ކަޕް ދުވަސްވަރު އޭނާ ދެއްކި ވާހަކަތަކެއްގައި ވަނީ، ފުޓުބޯޅައިގެ ހުވަފެންތައް ހާސިލުކުރުމަށް ޓަކައި އެހެން ކުލަބަކަށް ބަދަލުވުމުގެ ވިސްނުން ގެންގުޅޭކަން ހާމަކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު