ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ލަލީގާ މާދަމާ ރޭ ފަށަނީ

ޝެއާ ކުރޭ Facebook Telegram Viber X

ސްޕެނިޝް ލަލީގާގެ އައު ސީޒަންގެ ކުޅުން މާދަމާ ރޭ ފެށުމަށް ތައްޔާރުވެފައިވާއިރު، ވޯލްޑް ކަޕްގައި މި ދެ ކްލަބުގެ ގިނަ ކުޅުންތެރިންތަކެއް ވާދަކުރުމާ ގުޅިގެން ފުރަތަމަ ހަފުތާގެ މެޗުތަކުގައި އެފްސީ ބާސެލޯނާ އަދި ރެއާލް މެޑްރިޑް ނުފެންނާނެކަން ކަށަވަރުވެއްޖެއެވެ.

މާދަމާ ރޭ ކުޅޭ ސީޒަންގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އަލަވޭސްއާއި ގެޓާފޭއެވެ. މީގެ އިތުރުން ވެސް ފުރަތަމަ ހަފުތާގައި ޖުމްލަ 6މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. ލީގުގެ ގަދަ ބާރުތައް ކަމަށްވާ ރެއާލް މެޑްރިޑް ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި އޮގަސްޓް 22ވަނަ ދުވަހު އެސްޕަންޔޯލްއާ ދެކޮޅަށް ނުކުންނައިރު، އޭގެ އަނެއް ދުވަހު ބާސެލޯނާ ނުކުންނާނީ އެލްޗޭއާ ދެކޮޅަށެވެ. ފުރަތަމަ ހަފުތާގައި މި ދެ ޓީމަށް ލީގުން އަރާމުކުރަން ފުރުސަތު ދިނީ، ފަހަކަށް އައިސް ނިމުނު ވޯލްޑް ކަޕްގެ އެންމެ ފަހުގެ މަރުހަލާތަކާ ހަމައަށް އެ ޓީމުތަކުގެ ގިނަ ކުޅުންތެރިންތަކެއް ކުޅެފައިވުމުންނެވެ. އެގޮތުން ތަށި ހޯދި ސްޕެއިން ޓީމުގައި ބާސާގެ 8ކުޅުންތެރިން ހިމެނޭއިރު، ރެއާލްގައި ވެސް ސްޕެއިން، އިންގްލެންޑް އަދި ފްރާންސްގެ މުހިންމު ކުޅުންތެރިންތަކެއް ހިމެނެއެވެ.

ވިދިވިދިގެން ތިންވަނަ ފަހަރަށް ލީގު ކާމިޔާބުކޮށް ހެޓްރިކެއް ހެދުމުގެ އަމާޒުގައި ބާސެލޯނާ ނުކުންނައިރު، މިކަން ހުއްޓުވުމަށް ރެއާލް މެޑްރިޑުން ވަނީ ތަޖުރިބާކާރު ކޯޗު ހޯސޭ މޮރީނިއޯއާ ޓީމު ހަވާލުކޮށް، ގިނަ އައު ކުޅުންތެރިންތަކެއް ގެނެސް ސްކޮޑު ވަރުގަދަކޮށްފައެވެ. ނަމަވެސް އޮޕްޓާ ސުޕަ ކޮމްޕިއުޓަރުގެ ހިސާބުތައް ދައްކާގޮތުން، މި އަހަރުވެސް 45.6އިންސައްތައިގެ ފުރުސަތަކާއެކު ތަށި ދިފާއުކުރުން އެންމެ ގާތީ ބާސެލޯނާއިންނެވެ. މިއީ ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން 2008އިން 2011އަށް އެ ޓީމުން ހޯދި ކާމިޔާބީއަށް ފަހު މިފަދަ ރެކޯޑެއް ހެދޭނެ ފުރަތަމަ ފަހަރެވެ. ލީގު ހޯދުމަށް ރެއާލްއަށް 31އިންސައްތައިގެ ފުރުސަތެއް އޮޕްޓާއިން ދީފައިވާއިރު، ތިންވަނައިގައި އެޓްލެޓިކޯ މެޑްރިޑް އަދި ހަތަރުވަނައިގައި ވިޔަރެއާލް އުޅޭނެކަމަށް ލަފާކޮށްފައިވެއެވެ. ލިސްޓުގެ ފަސްވަނަ ލިބެނީ ރެއާލް ބެޓިސްއަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު