ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރޭސިންގ ސަންޓަންޑަރ ބަލިކޮށް ބާސާއިން ހަމަޖެހިލައިފި

ޝެއާ ކުރޭ Facebook Telegram Viber X

ސްޕެނިޝް ލަލީގާގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ރޭސިންގ ސަންޓަންޑަރގެ މައްޗަށް 7-2ގެ ނަތީޖާއަކުން ކުރިހޯދައި، ތާވަލުގެ އެންމެ ކުރީގައި ތިން ޕޮއިންޓުގެ ލީޑަކާ އެކު އެފްސީ ބާސެލޯނާއިން ހަމަޖެހިލައިފިއެވެ.

ކުޅުނު ހަ މެޗުންވެސް މޮޅުވެ 18ޕޮއިންޓާ އެކު ބާސާ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 15ޕޮއިންޓެވެ. މެޗުގެ ފުރަތަމަ ކަށިގަނޑާއެކު ބާސާއިން ވަރުގަދަ ކުޅުމެއް ދެއްކިއިރު، އަށްވަނަ މިނެޓުގައި ޖާއޮ ކޮންސޭލޯ ވަނީ އެ ޓީމަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި 25ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ކެޕްޓަން ރަފީނިއާ ވަނީ ނަތީޖާގެ ފަރަގު ބޮޑުކޮށްދީފައެވެ. ސަންޓަންޑަރއިން 30ވަނަ މިނެޓުގައި މަގުއެޓާ ގުއޭޔޭގެ ލަނޑުން އުއްމީދެއް އާކުރި ނަމަވެސް، އޭގެ ހަ މިނެޓު ފަހުން އެ ޓީމުގެ އެސިއަރ ވިޔަލިބްރޭގެ އަތުން ބައިކޮޅަށް ވަން ލަނޑާ އެކު ބާސާއަށް އަނެއްކާވެސް ފަސޭހަ ލީޑެއް ލިބުނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން 42ވަނަ މިނެޓުގައި ރަފީނިއާ އޭނާގެ ދެވަނަ ލަނޑު ޖެހިއެވެ. މީގެ އިތުރުން ލަމީން ޔަމާލް ފޮނުވާލި ޕެނަލްޓީއެއް ސަންޓަންޑަރގެ ކީޕަރު ހޫލެން އަގިރެޒަބާލާ ވަނީ ދިފާއުކޮށްފައެވެ. ދެވަނަ ހާފުގެ 65ވަނަ މިނެޓުގައި ޔާސިރު ޒަބީރީ ސަންޓަންޑަރއަށް ދެވަނަ ލަނޑެއް ކާމިޔާބުކޮށްދިން ނަމަވެސް، އޭގެ ކުޑައިރުކޮޅެއް ފަހުން ލިބުނު ޕެނަލްޓީއަކުން ރަފީނިއާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި 11ވަނަ ލަނޑެވެ. އަދި ލީގުގައި ޖެހި 9ވަނަ ލަނޑެވެ. މެޗުގެ ފަހުކޮޅު، 79ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ ގެބްރިއެލް ހޭސޫސް އަދި 89ވަނަ މިނެޓުގައި ޔަމާލް ވަނީ ބާސާއަށް އިތުރު ލަނޑުތަކެއް ކާމިޔާބުކޮށްދީފައެވެ.

މި މެޗުން ބަލިވި ސަންޓަންޑަރ އޮތީ 7ޕޮއިންޓާއެކު ތާވަލުގެ 10ވަނައިގައެވެ. ލީގުގެ ތިންވަނައިގައި 13ޕޮއިންޓާއެކު އޮތީ އެޓްލެޓިކޯ މެޑްރިޑެވެ. 

ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އަމިއްލަ ދަނޑުގައި އެޓްލެޓިކޯ މެޑްރިޑުން ވަނީ 4-0އިން އޮސަސޫނާ ބަލިކޮށްފައެވެ. ހަތަރުވަނައިގައި އޮތް ސެވިއްޔާއިން ޑިޕޯޓިވޯ ލަކަރޫނިއާގެ ދަނޑުގައި 1-0އިން މޮޅުވެފައިވާއިރު، ލެވެންޓޭ އާއި އެތުލެޓިކް ބިލްބާއޯގެ ކުރިމަތިލުން ވަނީ ފަސްކުރެވިފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު