މާލޭގެ ޓެނިސް ކޯޓުގައި މި މަހުގެ 16އިން 29އަށް ކުރިއަށްގެންދިޔަ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް)ގެ ޖޭ 30މުބާރާތުގެ ދެވަނަ ހަފުތާގެ އަންހެން ސިންގަލްސް ތާށި ޗައިނީޒް ޓައިޕޭގެ ޕިން ސެން ޗޯ އުފުލާލައިފިއެވެ.
ފިރިހެން ކުދިންގެ ސިންގަލްސް ފައިނަލްގައި އިންޑިއާގެ ވިވާން މިރްދާއާ ވާދަކޮށް، ހާގިމް މޮޅުވީ 06-01އަދި 06-01ގެ ނަތީޖާއަކުން ވަރަށް ފަސޭހަކަމާއެކުގައެވެ. ހަމައެއާއެކު، އަންހެން ކުދިންގެ ފައިނަލް މެޗު ޕިން ސެން ކާމިޔާބުކުރީ އޭނާގެ ގައުމަށް ނިސްބަތްވާ ޔޫ އާން ލޫ އާ ބައްދަލުކޮށް 06-03އަދި 06-03އިން ސީދާ ދެ ސެޓުން ކުރި ހޯދައިގެންނެވެ.
މީގެ އިތުރުން، މި މުބާރާތުގެ ޑަބަލްސް އިވެންޓްތަކަށް ބަލާއިރު، އަންހެން ބައިގެ އެއްވަނަ ހޯދާފައިވަނީ ސިންގަލްސް ޗެމްޕިއަން ޕިން ސެން އާއި ޖަޕާނުގެ ރީކޯ ޝޮޒުއި އެކުވެގެން ކުޅުނު ޕެއާއިންނެވެ. އަދި ފިރިހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ އެމެރިކާގެ ރެން މާކް ކުބޯޓާ އާއި ޖަޕާނުގެ ރެއި އިވަސާކީގެ ޕެއާއިންނެވެ.
ދެ މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްދިޔަ މި ބައިނަލްއަގުވާމީ މުބާރާތުގައި ދިވެހިރާއްޖޭގެ ކުޅުންތެރިންވެސް ވަނީ ފާހަގަކޮށްލެވޭ ފަދަ ކުޅުމެއް ދައްކާފައެވެ. އެގޮތުން، ރާއްޖޭގެ އައިޝަތު ކަރިން ސައިޒާން ވަނީ ފުރަތަމަ ހަފުތާގެ ސިންގަލްސް ކުއާޓާ ފައިނަލްގައި ކުޅެފައެވެ. އަދި ދެވަނަ ހަފުތާގައި އޭނާ ހިމެނުނު ޑަބަލްސް ޕެއާ ވަނީ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުޅުންތެރިން ބައިވެރިވި މި މުބާރާތުގައި ވާދަކުރި ގައުމުތަކުގެ ތެރޭގައި އެމެރިކާ، ކެނެޑާ، ޗައިނާ، ރަޝިޔާ، އިންޑިއާގެ އިތުރުން ތައިލެންޑާއި ސްރީލަންކާ ހިމެނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.