ރާއްޖޭގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް)ގެ ޖޭ-30މުބާރާތުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިސް ތިބި މޮޅެތި ކުޅުންތެރިންނާ އަމިއްލަ ފަސްގަނޑުގައި ވާދަކޮށް، ދިވެހި ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް ރަނުގެ ފުރުސަތެއް ހުޅުވިގެން ހިނގައްޖެއެވެ.
މިއީ ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި ޓެނިސް ކުރިއެރުވުމަށް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑީވްސް (ޓޭމް)އިން ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރު ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތެވެ. ޓޭމް އިން މައުލޫމާތު ދޭގޮތުގައި، މީގެ ކުރިން ބޭއްވި މުބާރާތްތަކުގެ ކާމިޔާބީއާ އެކު އޭޝިއާ އަދި ބައިނަލްއަގްވާމީ ޓެނިސް އިދާރާތަކުގެ ފުރިހަމަ އިތުބާރު ރާއްޖެއަށް ވަނީ ލިބިފައެވެ. އެހެންކަމުން، މިފަހަރުގެ މުބާރާތް އިންތިޒާމުކޮށްފައި ވަނީ ކުރިއަށް ވުރެ ފުރިހަމަކޮށް، ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ.
މި މުބާރާތުގައި ދުނިޔޭގެ ނަން މަޝްހޫރު ގައުމުތައް ކަމަށްވާ އެމެރިކާ، ރަޝިޔާ، ޖަރުމަނު، ކެނެޑާ، ޖަޕާން އަދި ޗައިނާގެ އިތުރުން ސަރަހައްދީ ގައުމުތައް ކަމަށްވާ އިންޑިއާއާއި ސްރީލަންކާ ފަދަ ގައުމުތަކުގެ ކުޅުންތެރިން ވާދަކުރެއެވެ. ޓޭމްގެ ނައިބު ރައީސް އިގްނާޒް މަންސޫރު ފާހަގަކުރެއްވި ގޮތުގައި، ބޭރު ގައުމުތަކަށް ދަތުރުނުކޮށް، އަމިއްލަ ގައުމުގައި ތިބެގެން މިފަދަ މަތީ ފެންވަރުގެ ކުޅުންތެރިންނާ ކުޅެލަން ލިބުމަކީ ޒުވާން އެތުލީޓުންނަށް ލިބޭނެ އެންމެ ބޮޑު އެއް ފައިދާއެވެ. މީގެ އިތުރުން، މި މުބާރާތުގެ ސަބަބުން ރާއްޖޭގެ ޓެނިސް ކޯޓުތަކާއި، އޮފިޝަލުންގެ ފެންވަރުގެ އިތުރުން ކުޅިވަރުގެ ވަސީލަތްތައް އައިޓީއެފްގެ ސްޓޭންޑަޑަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މުބާރާތުގެ ފަންނީ މުހިންމުކަމާ ގުޅޭގޮތުން ގައުމީ ޓެނިސް ޓީމުގެ ކޯޗު، އީރާނުގެ އަލީ ރިޒާ ބުނީ، މިއީ ކުޅުންތެރިން އެކުދިންގެ އާދައިގެ މާހައުލުން ބޭރަށް ނުކުމެ، ހަގީގީ ވާދަވެރިކަމުގެ ތެރެއަށް ވަނުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ. ޚާއްސަކޮށް، ބައިނަލްއަގްވާމީ މެޗުތަކުގެ ބާރު ސްޕީޑަށް ހޭނުމާއި، ކުޅުމުގެ ޓެކްޓިކްސް ކުރިއެރުވުމަށް މި މުބާރާތް ބޮޑު ދައުރެއް އަދާކުރާނެއެވެ.
ވަރުގަދަ މެޗުތަކުގެ ޕްރެޝަރާ ކުރިމަތިލުމާއި، ނަފްސާނީ ގޮތުން ކުޅުންތެރިން ވަރުގަދަވުމަށް މިއީ މުހިންމު ތަޖުރިބާއެއްކަން ކޯޗު ފާހަގަކުރިއެވެ. އަދި އަމާޒަކީ ހަމައެކަނި މޮޅުވުމެއް ނޫން ކަމަށާއި، ބައިނަލްއަގްވާމީ ޕްރޮފެޝަނަލް އާދަތަކަށް ދިވެހި ކުޅުންތެރިން އަހުލުވެރިކުރުވުން ކަމަށްވެސް އޭނާ ބުންޏެވެ. ކޯޗު އިތުރަށް ބުނި ގޮތުގައި މިފަދަ މުބާރާތްތަކުގެ ސަބަބުން ދިވެހި ކުޅުންތެރިންނަކީ ވެސް ދުނިޔޭގެ ފެންވަރުގައި ވާދަކުރެވިދާނެ ބައެއްކަން ސާބިތުވެގެންދާނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.