ފްރެންޗް ލީގުގައި ރޭ ލިލްގެ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގައި، ފަހު ވަގުތުކޮޅުގެ ތެރޭގައި ވިޓީނިއާ އަދި މާކީނިއޯސް ކާމިޔާބުކޮށްދިން ލަނޑުތަކާ އެކު ޕެރިސް ސެންޓް ޖާމައިން (ޕީއެސްޖީ)ބަލިނުވެ 2-2އިން މެޗު އެއްވަރުކޮށްފިއެވެ.
ޕީއެސްޖީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ބޮޑު ބައެއްގައި ކުރީގައި އޮތީ ލިލްއެވެ. މެޗުގެ 21ވަނަ މިނެޓުގައި އޮލިވިއޭ ޖިރޫ ތަނަވަސްކޮށްދިން ފުރުސަތަކުން ހާކޮން އާނާ ހަރަލްޑްސަން ވަނީ ލިލްއަށް ލީޑު ނަގައިދީފައެވެ. އަދި މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށް، 84ވަނަ މިނެޓުގައި ޑިލާން ބަކްވާ ޖަހައިދިން ލަނޑާ އެކު ލިލް އިން މެޗުން މޮޅުވާނެކަން ގާތްގަނޑަކަށް ޔަގީންކުރިއެވެ.
ނަމަވެސް، ޕީއެސްޖީން ހިތްވަރު އެލުވައިނުލައި ކުރި މަސައްކަތުން، އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ވިޓީނިއާ ވަނީ ފަރަގު ކުޑަކޮށްދީފައެވެ. އޭގެ ހަތަރު މިނެޓު ފަހުން ވިޓީނިއާގެ ނަގައިދިން ހުރަހަކުން ކެޕްޓަން މާކީނިއޯސް ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި، ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މެޗުގެ ކުރީކޮޅު ޕީއެސްޖީގެ އަޝްރަފް ހަކީމީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވާއިރު، ލިލްއިން ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ޕީއެސްޖީގެ ކީޕަރު މެޓްވޭ ސަފޮނޯވް ވަނީ ދިފާއުކޮށްފައެވެ. ލިލްގެ ސްޓޭޑިއަމްގެ ޓިކެޓިން ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން މި މެޗު ފެށުން ވަނީ ފަނަރަ މިނެޓަށް ފަސްކުރެވިފައެވެ.
މި ނަތީޖާއާއެކު ލިލް އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައެވެ. ފުރަތަމަ މެޗުގައި ރެންއާ އެއްވަރުވެ، މި މެޗުން ވެސް ޕޮއިންޓަކުން ފުއްދާލަން ޖެހުނު ޕީއެސްޖީ އޮތީ ދެ ޕޮއިންޓާ އެކު ތާވަލުގެ ހަވަނައިގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.