ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މެރަޑޯނާ އަތުން ގޯލް ޖެހި ބޯޅަ 3.35 މިލިއަން ޑޮލަރަށް ވިއްކާލައިފި

ޝެއާ ކުރޭ Facebook Telegram Viber X

1986ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ އަތުން ޖަހައި އިންގްލެންޑް ކޮޅަށް ވައްދާލި ތާރީޚީ ބޯޅަ، 3.35މިލިއަން ޑޮލަރަށް ނީލަމެއްގައި ވިއްކާލައިފިއެވެ.

މެކްސިކޯގައި ބޭއްވި އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި އިންގްލެންޑްގެ މައްޗަށް 2-1އިން އާޖެންޓީނާ ކުރިހޯދި މަޝްހޫރު މެޗުގައި ބޭނުންކުރި މި ބޯޅައަކީ އެ މުބާރާތަށް ޚާއްސަކޮށްގެން ތައްޔާރުކުރި "އަޑިޑަސް އަޒްޓެކާ"ބޯޅައެކެވެ.

މި ބޯޅަ ނީލަމުގައި ވިއްކާލާފައިވަނީ ކުރިން އުންމީދު ކުރި ވަރަށް ވުރެ ކުޑަ އަގަކަށެވެ. ޑަލަސްގައި ހުންނަ ތަރިކައިގެ ނީލަން ކުންފުނިން ލަފާކޮށްފައި އޮތީ މި ބޯޅައަށް 10މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގެއް ލިބޭނެ ކަމަށެވެ. ނަމަވެސް، 2.5 މިލިއަން ޑޮލަރުން ފެށި މި ނީލަން ނިމުނީ 3.35މިލިއަން ޑޮލަރަށެވެ. ކުޅިވަރުގެ ތާރީޚުގައި "އެންމެ މަޝްހޫރު ބޯޅަ"ގެ ގޮތުގައި ސިފަކުރި މި ބޯޅައަކީ ފުޓްބޯޅައިގެ ހަނދާނީ ރަމްޒުތަކުގެ ތެރެއިން އެންމެ ބޮޑު އަގުގައި ވިކޭނެ އެއްޗަކަށް ވާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރިއެވެ.

ނީލަން ފެށުމުގެ ކުރިން އޮފިޝަލުން ލަފާކުރީ، 2022ވަނަ އަހަރު 9.3މިލިއަން ޑޮލަރާ ގާތްކުރާ އަގަކަށް ވިކުނު މަރަޑޯނާގެ ޖޯޒީގެ އަގާ މި ބޯޅައިގެ އަގު ގާތްކުރާނެ ކަމަށެވެ. އެ ޖޯޒީއަކީ އެ ދުވަސްވަރު ކުޅިވަރުގެ ތާރީޚީ ރަމްޒުތަކުގެ ތެރެއިން އެންމެ ބޮޑު އަގުގައި ވިކުނު އެއް ތަކެއްޗެވެ.

1986ވަނަ އަހަރުގެ ޖޫން 22ވަނަ ދުވަހު މެކްސިކޯ ސިޓީގެ އެސްޓާޑިއޯ އަޒްޓެކާގައި ކުޅުނު އެ މެޗުގެ ދެވަނަ ހާފުގެ ހަވަނަ މިނިޓުގައި، މަރަޑޯނާ ވަނީ މި ބޯޅައިން މަޝްހޫރު "ހޭންޑް އޮފް ގޯޑް"ގޯލާއި "ގޯލް އޮފް ދަ ސެންޗަރީ"ޖަހާފައެވެ. އިންގްލެންޑްގެ ގޯލްކީޕަރު ޕީޓާ ޝިލްޓަންއަށް ވުރެ މައްޗަށް ފުންމައިގެން އަރައި، މަރަޑޯނާ ބޯޅަ ގޯލަށް ވައްދާލީ އޭނާގެ ވައަތުން ޖަހައެވެ. ފަހުން މަރަޑޯނާ ބުނެފައިވަނީ އެ ފުރަތަމަ ގޯލަކީ ސައްހަވާން ޖެހޭނެ ގޯލެއް ނޫން ކަމަށެވެ.

އެ ގޯލު ޖެހިތާ އެންމެ ހަތަރު މިނިޓު ފަހުން، މަރަޑޯނާ ވަނީ ހަމަ އެ ބޯޅައިން ފާހަގަކޮށްލެވޭ ދެވަނަ ގޯލެއް ޖަހާފައެވެ. އަމިއްލަ ހާފުގެ ތެރެއިން ބޯޅަ ހޯދައިގެން 70މީޓަރަށް ދުވެ، އިންގްލެންޑްގެ ދިފާއީ ހަ ކުޅުންތެރިން ކަޓުވާލުމަށް ފަހު އޭނާ ޖެހި އެ ގޯލަކީ ފުޓްބޯޅަ ތާރީޚުގައި ފާހަގަކޮށްލެވޭ ރީތި ގޯލެކެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު