ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ކަޕްގެ ފައިނަލް މެޗުގައި، ތަޖުރިބާކާރު ސިފައިންގެ ޓީމު 3-1ސެޓުން ބަލިކުރުމަށް ފަހު، މުބާރާތުގައި އަލަށް ވާދަކުރި ކްލަބް އެމްޓީސީސީން ތާރީޚީ ޗެމްޕިއަންކަން ހޯދައިފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި ފައިނަލް މެޗުގެ ފުރަތަމަ ދެ ސެޓު އެމްޓީސީސީން ކާމިޔާބުކުރީ 25-23އަދި 25-20އިންނެވެ. ނަމަވެސް، ކުޅުން ރަނގަޅުކޮށް ސިފައިން ވަނީ 25-23އިން ތިންވަނަ ސެޓު ކާމިޔާބުކޮށް މެޗުގެ ނަތީޖާ އަނބުރާލުމަށް މަސައްކަތްކޮށްފައެވެ. އެންމެ ވާދަވެރިކޮށް ފެނިގެންދިޔަ ހަތަރުވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ސެޓުގެ ފަހުކޮޅު ސިފައިންނަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައި، 33-31އިން ސެޓު ނިންމާލައި މުބާރާތުގެ ތަށި އެމްޓީސީސީން ކަށަވަރުކުރިއެވެ.
މުބާރާތުގެ ފަރުދީ ވަނަތަކަށް ބަލާއިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެމްޓީސީސީގެ އަހުސަން (ސޮއްޓި)އެވެ. މީގެ އިތުރުން، މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ލިބިފައިވަނީ އެމްޓީސީސީގެ ކޯޗު މުހައްމަދު ނިޒާރު (ބޮޑޭ)އަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ސިފައިންނެވެ. އެހެން ނަމަވެސް، ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށް، މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ކްލަބް އެޗްޑީސީ 3-1ސެޓުން ބަލިކުރުމަށް ފަހު އެމްޓީސީސީން ވަނީ ފައިނަލުގެ ޖާގަ ކަށަވަރުކޮށް، މުބާރާތުގެ ތަށި ކާމިޔާބުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.