ފީފާއިން އަންނަ އަހަރު ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ޝެޑިއުލް އާންމުކޮށް، މުބާރާތް ހުޅުވާ މެޗާއި ތަށި ކަނޑައަޅާ ފައިނަލް މެޗު، ތާރީޚީ މަރަކާނާ ސްޓޭޑިއަމްގައި ކުޅޭގޮތަށް ރަސްމީކޮށް ކަނޑައަޅައިފިއެވެ.
ޖުމްލަ 32ޤައުމަކުން ވާދަކުރާ މި ބޮޑު މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 24ވަނަ ދުވަހުއެވެ. މިއީ ދެކުނު އެމެރިކާ ބައްރުގައި އަންހެނުންގެ ވޯލްޑް ކަޕެއް ބާއްވާ ފުރަތަމަ ފަހަރަށް ވާއިރު، ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ޖުލައި މަހުގެ 25ވަނަ ދުވަހަށެވެ. މަރަކާނާ ސްޓޭޑިއަމަކީ 1950ވަނަ އަހަރުގެ ފިރިހެނުންގެ ވޯލްޑް ކަޕް ފައިނަލްގައި އުރުގުއޭ އަތުން ބްރެޒިލް ބަލިވި ހިތްދަތި ހަނދާންތަކާ ގުޅިފައިވާ، ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ މަޝްހޫރު އެއް ދަނޑެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)އިން މައުލޫމާތު ދީފައިވާ ގޮތުގައި، ބްރެޒިލްގެ އަށް ސިޓީއެއްގައި މި މުބާރާތުގެ މެޗުތައް ކުރިއަށްދާނެއެވެ. މީގެ ތެރެއިން ކޮންމެ ސިޓީއެއްގައި ވެސް މަދުވެގެން ހަތް މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ނޮކްއައުޓް މަރުހަލާގެ އެއް މެޗު ކޮންމެ ސިޓީއަކަށް ވެސް ލިބޭނެކަން ވަނީ ކަށަވަރުކޮށްދީފައެވެ.
މުބާރާތުގެ ގަދަ 16ގެ މެޗުތަކާ ހަމައަށް ކުޅުމަށް ހަމަޖެހިފައިވަނީ ބްރެޒީލިއާ، ސަލްވަޑޯރު، ރެސިފޭ އަދި ޕޯޓޯ އަލެގްރޭގައެވެ. ކުއާޓާ ފައިނަލްގެ ކުރިމަތިލުންތައް ރިއޯ ޑި ޖެނީރޯ، ފޯޓަލޭޒާ، ބެލޯ ހޮރިޒޮންޓޭ އަދި ސައޮ ޕައުލޯގައި ކުރިއަށްދާއިރު، ސެމީ ފައިނަލްގެ ފޯރިގަދަ މެޗުތައް ފެނިގެންދާނީ ރިއޯ އަދި ސައޮ ޕައުލޯ އިންނެވެ.
މިކަމާ ގުޅިގެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ބްރެޒިލްގެ އަށް ސިޓީން މުޅި ދުނިޔެއަށް މަރުހަބާ ކިޔާނެ ކަމަށާއި، ބްރެޒިލްގެ ސަޕޯޓަރުންގެ ފަރާތުން ފެންނާނެ ފޯރިއާއި ޖޯޝް ތަސައްވުރުކޮށްލުމުން ވެސް ބޮޑު އުފާވެރިކަމެއް ލިބިވަޑައިގަންނަވާ ކަމަށެވެ. މިއާ އެކު، މަރަކާނާ ސްޓޭޑިއަމް ވެގެންދާނީ ސްވިޑެންގެ ރަސުންޑާ ސްޓޭޑިއަމް އާއި އެމެރިކާގެ ރޯޒް ބޯލްއަށް ފަހު، ފިރިހެނުންނާއި އަންހެނުންގެ ވޯލްޑް ކަޕް ފައިނަލް ބޭއްވި ދުނިޔޭގެ ތިންވަނަ ދަނޑަށެވެ.
ބްރެޒިލްގެ އަންހެން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އެލީން ޕެލެގްރީނޯ ވަނީ، މުބާރާތް ބާއްވާ ކޮންމެ ސިޓީއަކުން ވެސް ތަފާތު ތަޖުރިބާތަކެއް ކުރެވޭނެކަން ފާހަގަކޮށް، މިއީ ހަނދާނުން ފޮހެލަން ދަތި ކުލަގަދަ އީދަކަށް ވެގެންދާނެ ކަމަށް ބުނެފައެވެ. އަދި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންގެ ފަރާތުން މުޅި ދުނިޔޭގެ ކުޑަކުދިންނަށް ނަމޫނާ ދައްކުވައިދޭނެކަން ވެސް އޭނާ ފާހަގަކުރިއެވެ.
ފީފާއިން ހާމަކޮށްފައިވާ ގޮތުގައި، މުބާރާތުގެ އެންމެ ފަހުގެ ތަފްސީލީ ޝެޑިއުލް އާންމުކުރުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ނިމުމާ ކައިރިކޮށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.