ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ގްރޫޕްގެ އެއްވަނަ ބަނޑޮހުން ކަށަވަރުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ރ. މީދޫގައި ކުރިއަށްދާ އިތާ އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރާތުގައި ކޯރާ ކޯރާ މޯލްޑިވްސްއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު ކާމިޔާބުކޮށް، ބަނޑޮސް އައިލެންޑް ރިސޯޓުން އެ ޓީމު ހިމެނޭ ގްރޫޕްގެ އެއްވަނަ މަގާމު ޔަގީންކޮށްފިއެވެ.

މި މެޗަށް ނުކުތްއިރު ވެސް މި ދެ ޓީމަށް ވަނީ މުބާރާތުގެ ލީގު ބުރުގެ ޖާގަ ކަށަވަރުވެފައެވެ. ނަމަވެސް ގްރޫޕްގެ އެއްވަނަ ކަނޑައެޅުމަށް ކުޅުނު މި މެޗު ބަނޑޮހުން ފަތަހަކުރީ ފަސް ސެޓަށް ކުޅެ، ތިން ސެޓު ދެ ސެޓުން ކުރި ހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ސެޓު 25-22އިން ބަނޑޮސް ގެންގޮސްފައި ވަނިކޮށް، ކޯރާ ކޯރާއިން ވަނީ ކުޅުން ރަނގަޅުކޮށް ޖެހިގެން އައި ދެ ސެޓު 25-17އަދި 25-13އިން ކާމިޔާބުކޮށްފައެވެ.

ކޯރާކޯރާއިން ކުރި ހޯދާފައި ވަނިކޮށް، ބަނޑޮހުން އަލުން މެޗުގެ ތެރެއަށް ވަދެ ހަތަރުވަނަ ސެޓު ކާމިޔާބުކުރީ 25-20އިންނެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓުގައި މޮޅު ކުޅުމެއް ދައްކައި، 15-10އިން ސެޓު ގެންގޮސް މެޗުން މޮޅުވީއެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބަނޑޮސް ޓީމުގައި ހިމެނޭ ޕްރަނީތުއެވެ.

މީދޫ އެކުވެރި ކްލަބުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި މިރޭ ބައްދަލުކުރާނީ ކުޑަފުއްޓާއި ޖޯލި ބީންއެވެ. ފުރަތަމަ މެޗުން މޮޅުވެ ކުޑަފުށި ރަނގަޅު ފޯމެއްގައި އޮތްއިރު، ޖެހިޖެހިގެން ފާއިތުވި ތިން އަހަރުގެ ތަށި އުފުލާލި ޖޯލި ބީން މިރޭގެ މެޗުން ބަލިވެއްޖެ ނަމަ މުބާރާތުން ކަޓާނެއެވެ.

މި މުބާރާތް ރޭވިފައިވާ ގޮތުން، ގްރޫޕް ސްޓޭޖް ނިމޭއިރު ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ދަތުރުކުރާނީ ލީގު ބުރަކަށެވެ. ޖުމްލަ ހަތަރު ޓީމު ވާދަކުރާ މި ލީގު ބުރުން އެންމެ މަތިން މާކްސް ހޯދާ ދެ ޓީމަކަށް ފައިނަލުގެ ޖާގަ ލިބޭނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު