ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރޮނާލްޑޯ ކުޅުން ހުއްޓާލާކަމުގެ އިޝާރާތެއް

ޝެއާ ކުރޭ Facebook Telegram Viber X

ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުން ހުއްޓާލުމާ ގާތަށް ގޮސްފައިވާ ކަން ހާމަކުރަމުން، މިއީ އޭނާގެ ކެރިއަރުގެ އެންމެ ފަހު އަހަރަށް ވުން އެކަށީގެންވާ ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

މަޝްހޫރު "ވޯގް"މަޖައްލާއަށް ދިން އިންޓަވިއުއެއްގައި އުމުރުން 41އަހަރުގެ ރޮނާލްޑޯ ބުނީ، އޭނާ ބޭނުންވަނީ ރީތި ލެގަސީއަކާ އެކު ކުޅުން ނިންމާލަން ކަމަށެވެ.

"މިއީ ފުޓްބޯޅާގައި އަހަރެންގެ ފަހު އަހަރަށް ވެދާނެ. ބޭނުންވަނީ ރީތި ލެގަސީއަކާ އެކު ނިންމާލަން"ރޮނާލްޑޯ ބުންޏެވެ.

ކްލަބާއި ގައުމީ ޓީމަށް 950އަށް ވުރެ ގިނަ ލަނޑު ޖަހައި، ދުނިޔޭގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވާ ރޮނާލްޑޯ މީގެ ކުރިން ވެސް ވަނީ ކުރިއަށް އޮތް އެއް އަހަރު ނުވަތަ ދެ އަހަރު ތެރޭގައި ކުޅުން ހުއްޓާލާނެ ކަމުގެ އިޝާރާތެއް ދީފައެވެ. އޭނާގެ ކާމިޔާބު ކެރިއަރާ ބެހޭ ގޮތުން ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ މިއީ 25އަހަރުގެ ބުރަ މަސައްކަތާއި ގުރުބާނީގެ ނަތީޖާ ކަމަށާއި، ހޯދި ކާމިޔާބީތަކުގެ އުފާ ކުރިއަށް އޮތް ތަނުގައި ލިބިގަންނަން ބޭނުންވާ ކަމަށެވެ.

ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު އޭނާގެ މުސްތަގުބަލު ބައްޓަންކުރާނެ ގޮތް ވަރަށް ރަނގަޅަށް ރާވާފައިވާ ކަމަށް ރޮނާލްޑޯ ބުންޏެވެ. ކުޅުން ހުއްޓާލުމުން އުފެދޭ ހުސްކަން ފުރުމަށް ޓަކައި ތަފާތު ކަންކަމުގައި ވަގުތު ހޭދަކުރަން ޖެހޭނެކަން ފާހަގަކުރަމުން އޭނާ ބުނީ، ދަތުރުކުރުމާއި (ޓްރެވަލް)ޕެޑަލް ކުޅުމަކީ އޭނާ އެންމެ ގަޔާވާ ކަންތައްތައް ކަމަށެވެ. ނަމަވެސް، މަޝްއޫލުވެގެން އުޅޭނެ ގިނަ ކަންތައްތަކެއް ހުރުމުން ވަކި ހާއްސަ އެއް ކަމެއްގެ ވާހަކަ ބުނަން ދަތި ކަމަށް ވެސް އޭނާ ބުންޏެވެ.

މެންޗެސްޓަ ޔުނައިޓެޑާއި، ރިއާލް މެޑްރިޑް އަދި ޔުވެންޓަސްގެ ކުރީގެ ފޯވާޑް މި އިންޓަވިއު ދިން އިރު، އޭނާ ވަނީ މިދިޔަ އަންގާރަ ދުވަހު ޕޯޗުގަލްގެ ކާސްކައިސް ރިސޯޓުގައި އޭނާގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒްއާ ކައިވެނިކޮށްފައެވެ. މިއަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16އަށް ޕޯޗުގަލް ގެންގޮސްދިނުމަށް ފަހު، ރޮނާލްޑޯ ދެން ގުޅޭނީ ސައުދީ ޕްރޯ ލީގުގެ އާ ސީޒަނަށް ތައްޔާރުވަމުންދާ އޭނާގެ ކްލަބް އަލް ނަސްރާއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު