ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އަމޮރިމްގެ އޭސީ މިލާނުން ޔުނައިޓެޑް ބަލިކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

އާ ސީޒަން ފެށުމުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު އެކުވެރިކަމުގެ ފަހު މެޗުގައި، އެ ޓީމުގެ ކުރީގެ ކޯޗު ރުބެން އަމޮރިމްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އޭސީ މިލާން އަތުން 4-2ގެ ނަތީޖާއަކުން ޔުނައިޓެޑް ބަލިވެއްޖެއެވެ.

ޕޮލެންޑުގައި އިއްޔެ ކުޅުނު މި މެޗަކީ ޔުނައިޓެޑުގެ ސަޕޯޓަރުންނަށް ހާއްސަ މެޗެކެވެ. އެއީ 2024ވަނަ އަހަރު ޔުނައިޓެޑާ ހަވާލުވެ، ނަތީޖާތައް ދަށްވުމުގެ ސަބަބުން މިދިޔަ ސީޒަނުގައި މަގާމުން ވަކިކުރި އަމޮރިމްގެ ކިބައިން ބަދަލުހިފަން ސަޕޯޓަރުން ބޭނުންވެފައި ތިބުމުންނެވެ.

މައިކަލް ކެރިކުގެ އިރުޝާދުގެ ދަށުން ކުޅުނު ޔުނައިޓެޑަށް މި މެޗުގައި އެދެވޭ ކުޅުމެއް ނުދެއްކުނު އިރު، މި ފަހަރުގެ ޕްރީ ސީޒަނުގައި މިއަދާ ހަމައަށް މެޗަކުން މޮޅުނުވެ އޮތް މިލާނުން ވަނީ ވަރަށް މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ދެވަނަ މިނެޓުގައި ހެރީ މެގުއާގެ ލަނޑުން ޔުނައިޓެޑުން ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ސެމުއަލް ޗުކުވުއޭޒޫ ވަނީ މިލާނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭގެ ފަހުން ޔުނައިޓެޑަށް އަލުން ލީޑު ހޯދަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ޕެނަލްޓީ މިލާނުގެ ޒުވާން ކީޕަރު ލޮރެންޒޯ ޓޮރިއާނޯ ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފު ފެށިގެން ކުރީކޮޅު ޕެޓްރިކް ޑޯގޫ ޖަހައިދިން ލަނޑާ އެކު ޔުނައިޓެޑުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދިއެވެ. އެކަމަކު އޭގެ ފަހުން މިލާނުން ވަނީ ކުޅުން ރަނގަޅުކޮށް، ތަފާތު ދައްކާފައެވެ. އެގޮތުން އަލްފާޖޯ ސީސޭ، ގޮންސާލޯ ރާމޯސް އަދި ރުބެން ލޮފްޓަސް-ޗީކް ކާމިޔާބުކުރި ލަނޑުތަކާ އެކު މިލާނުން ވަނީ ފަހަތުން އަރައި މެޗު ކާމިޔާބުކޮށްފައެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ޔުނައިޓެޑުގެ ކޯޗު ކެރިކް ބުނީ ޖުމްލަކޮށް މުޅި ޕްރީ ސީޒަނާ މެދު ހިތްހަމަޖެހޭ ކަމަށާއި، ޕޮޒިޓިވް ގިނަ ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށެވެ. ނަމަވެސް މިލާން މެޗުގައި ދެއްކި ކުޅުމާ މެދު އޭނާ ހިތްހަމަނުޖެހެއެވެ.

"އެކަމަކު މިއަދުގެ ކުޅުމާ މެދު ހިތްހަމަނުޖެހޭ. މިމެޗުން ފިލާވަޅު ނެގިދާނެ"ކެރިކް ބުންޏެވެ.

އާ ސީޒަނުގެ ޕްރިމިއާ ލީގުގައި ޔުނައިޓެޑް ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 22ވަނަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ ހަލް ސިޓީއާ ދެކޮޅަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު