ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ އައިބީސީ ވޯލްޑް ޓުއާގެ "މޯލްޑިވްސް ޕްރޯ 2026"ގެ ކުއާޓަރ ފައިނަލަށް ރާއްޖޭގެ ހަތަރު ބޮޑީބޯޑަރުން ކަމަށްވާ ނޫހް މުހައްމަދު ދުނައިމް އިރުޝާދު، އަލީ ޚުޝްރުވާން، އަޝްރަފް ހަސަން އަދި އާމިން އުމަރު މޫސާ ދަތުރުކޮށް، މުބާރާތުގެ ތާރީޚުގައި އައު ރެކޯޑެއް ގާއިމުކޮށްފިއެވެ.
މިއީ މި މުބާރާތުގެ ތާރީޚުގައި ރާއްޖޭގެ މިހާ ގިނަ ކުޅުންތެރިން ކުއާޓަރ ފައިނަލުގައި ވާދަކުރާ ފުރަތަމަ ފަހަރުކަމަށްވާއިރު، އާދީއްތަ ދުވަހު އޮންނަ ކުއާޓަރގެ ފުރަތަމަ ހީޓުގައި ނޫހް އަދި ޚުޝްރުވާން ވާދަކުރަން ޖެހުމާއެކު، ސެމީ ފައިނަލުގެ އެއް ޖާގަ ރާއްޖެއަށް ވަނީ ކަށަވަރުވެފައެވެ.
ހޮނިހިރު ދުވަހު ކުރިއަށްދިޔަ ތިންވަނަ ބުރުގެ ހީޓު އެކެއްގައި ބްރަޗިމީ ތަރިކްއާ ވާދަކޮށް ނޫހް ވަނީ 13.50ގެ ސްކޯއެއް ހޯދާފައެވެ. ހަތް ރާޅުގެ ތެރެއިން އެންމެ މަތިން ސްކޯކުރި ދެ ރާޅުން އޭނާ ވަނީ ބޮޑު ލީޑެއް ނަގާފައެވެ. ހަމައެއާއެކު ދެވަނަ ހީޓުގައި ޚުޝްރުވާން ކުއާޓަރއަށް ދަތުރުކުރީ ދާވޫދް ފަޒީހްއާ ވާދަކޮށް އެންމެ ދެ ރާޅުން 13.50ސްކޯ ކޮށްގެންނެވެ.
މީގެ އިތުރުން ހީޓު ހައެއްގައި އަޝްރަފް ވަނީ 14.00ޕޮއިންޓާއެކު އަލީ ޖާވިދުގެ މައްޗަށް ކުރި ހޯދާފައެވެ. އަދި ވައިލްޑްކާޑެއްގެ ދަށުން މުބާރާތުގައި ބައިވެރިވި އާމިން ކުއާޓަރގެ ޖާގަ ޔަގީންކުރީ އޭނާގެ ކޮއްކޮ އިޔަން އަހުމަދު ބަލިކޮށް، 16.50ގެ މަތީ ސްކޯއެއް ރެކޯޑުކޮށްގެންނެވެ.
ކުއާޓަރ ފައިނަލުގެ ހީޓު ތިނެއްގައި އަޝްރަފް ނުކުންނާނީ އަރމިޑޭއާ ދެކޮޅަށެވެ. އަދި ފަހު ހީޓުގައި އާމިން ވާދަކުރާނީ ހޫގޯ ނައުޑޭއާއެވެ.
ރާއްޖޭގެ ޖުމްލަ 13އެތުލީޓަކު މިފަހަރުގެ މުބާރާތުގައި ވާދަކުރިއިރު، މީގެ ކުރިން އާމިން ވަނީ ޖޫނިއަރ ކެޓަގަރީގެ ފައިނަލުގައި ވާދަކޮށްފައެވެ. އަދި ޚުޝްރުވާން ވަނީ ޑްރޮޕް-ނީ ކެޓަގަރީގެ ސެމީ ފައިނަލާ ހަމައަށް ވެސް ދަތުރުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.