ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހާލަންޑަށް ދުނިޔޭގެ ހަތަރު ރެކޯޑް

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ ފުޓުބޯޅައިގައި މިވަގުތު ހުރި އެންމެ ނުރައްކާތެރި އެއް ފޯވަޑް ކަމަށްވާ މެންޗެސްޓަރ ސިޓީ އަދި ނޯވޭގެ އާލިންގ ހާލަންޑް ހޯދާފައިވާ ކާމިޔާބީތައް ބަލައިގަނެ، ގިނިސް ވޯލްޑް ރިކޯޑްސްގެ ފަރާތުން ހަތަރު ރިކޯޑެއްގެ ސެޓްފިކެޓް ރޭގެ ވަގުތެއްގައި އޭނާއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

އުމުރުން 26އަހަރުގެ ހުނަރުވެރި ކުޅުންތެރިޔާއަކީ އިދިކޮޅު ޓީމުތަކުގެ ޑިފެންޑަރުންނަށް ބޮޑު ބިރަކަށް ވެފައިވާއިރު، އިނގިރޭސި ޕްރިމިއަރ ލީގުގެ އައު ސީޒަނާ އޭނާ ކުރިމަތިލަނީ މިހާތަނަށް ކުޅުނު 132މެޗުން 112ލަނޑު ކާމިޔާބުކޮށްފައިވާ އާދަޔާޚިލާފު ރެކޯޑަކާއެކުގައެވެ. މީގެ އިތުރުން، ނިމިދިޔަ ވޯލްޑް ކަޕް މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި، ނޯވޭގެ ޤައުމީ ޓީމު މުބާރާތުގެ ކުރިއަށް ގެންގޮސްދިނުމުގައިވެސް އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ހާލަންޑަށް ލިބުނު ފުރަތަމަ ޝަރަފަކީ އިނގިރޭސި ޕްރިމިއަރ ލީގުގެ ތާރީޚުގައި އެންމެ އަވަހަށް ސަތޭކަ ލަނޑު ހަމަކުރި ކުޅުންތެރިޔާގެ މަޤާމެވެ. ކުރިން އެލަން ޝިއެރަރ 124މެޗުން ހަދާފައިވާ މި ރިކޯޑު ހާލަންޑް މުގުރާލީ، 2025ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ފުލަމް ކޮޅަށް ލަނޑު ޖަހައި، އެންމެ 111މެޗުގެ ތެރެއިންނެވެ. ދެވަނަ ރިކޯޑެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑް ދޫކޮށް ސިޓީއާ ގުޅުނު ފުރަތަމަ ސީޒަނުގައި 38މެޗުން 36ލަނޑު ޖަހައިގެން، ލީގު ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރިކޯޑެވެ. މީގެ ކުރިން މި ރިކޯޑު އޮތީ 32ލަނޑާއެކު މުޙައްމަދު ސަލާހުގެ އަތުގައެވެ. އަދި 42މެޗު ކުޅެގެން 34ލަނޑު ޖެހި އެންޑީ ކޯލް އަދި އެލަން ޝިއެރަރގެ ރިކޯޑުވެސް އޭނާ ވަނީ މުގުރާލާފައެވެ.

ޤައުމީ ފެންވަރުގައި އަދި ޔޫރަޕްގެ މުބާރާތްތަކުގައިވެސް އޭނާގެ ނަން ވަނީ ރަނުން ލިޔެވިފައެވެ. އެގޮތުން ތިންވަނަ ރިކޯޑަކީ ޔުއޭފާ ނޭޝަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ޝަރަފެވެ. މި ރިކޯޑު އޭނާ ޙާޞިލުކުރީ 4ސެޕްޓެމްބަރު 2020އިން ފެށިގެން 17ނޮވެމްބަރު 2024އާ ހަމައަށް ނޯވޭއަށް ޖަހައިދިން 19ލަނޑުންނެވެ. ހަތަރުވަނަ ރިކޯޑަކީ، 2023ވަނަ އަހަރުގެ މާރިޗު މަހުގެ 14ވަނަ ދުވަހު ޗެމްޕިއަންސް ލީގުގައި އާރްބީ ލެއިޕްޒިގާ ދެކޮޅަށް ކުޅުނު މެޗުގައި 5ލަނޑު ޖަހައިގެން ހެދި ރިކޯޑެވެ. މިއާއެކު އޭނާ ވަނީ މަޝްހޫރު ލިއޮނެލް މެސީ އަދި ލުއިޒް އެޑްރިއާނޯއާ އެއް ހަމައަކަށް އައިސްފައެވެ.

ހާލަންޑުގެ ފަރާތުން މިހާރު ފެންނަމުންދާ ފެންވަރުމަތީ ކުޅުމަށް ބަލާއިރު، މުސްތަޤުބަލުގައި ގިނިސް ވޯލްޑް ރިކޯޑްސްގެ އިތުރު ސެޓްފިކެޓްތަކެއް އޭނާގެ އަތްމައްޗަށް އެރުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމުގައި ކުޅިވަރު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު