ްސްޕެނިޝް ސުޕަރކަޕް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަސްވަރު ، އެ މުބާރާތް ބާއްވަމުން އަންނަ ސައުދީ އަރަބިއްޔާގައި އޭޝިއަންކަޕް އޮންނާތީ ސްޕެނިޝް ސުޕަރ ކަޕް ތުރުކީގެ އިސްތަންބޫލުގައި ބޭއްވުމަށް ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން މިއަދު ނިންމައިފިއެވެ.
ސްޕެއިންގެ ފުޓްބޯޅަ އިދާރާއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، އިސްތަންބޫލުގެ ތާރީޚީ އަޓަޓުރުކް އޮލިމްޕިކް ސްޓޭޑިއަމްގައި މި މުބާރާތުގެ މެޗުތައް ކުރިއަށްދާނީ އަންނަ އަހަރުގެ ފެބްރުއަރީ 2އިން 7ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފަހަރުގެ މުބާރާތުގައި ވާދަކުރާނީ ސްޕެއިންގެ ގަދަބާރުތައް ކަމަށްވާ ރެއާލް މެޑްރިޑާއި، ބާސެލޯނާގެ އިތުރުން އެތުލެޓިކޯ މެޑްރިޑް އަދި ރެއާލް ސޮސިއެޑާޑެވެ.
ވޭތުވެދިޔަ 2020ވަނަ އަހަރުން ފެށިގެން ސައުދީ އަރަބިއްޔާގައި މި މުބާރާތް ގަވާއިދުން ބާއްވަމުން އައި ނަމަވެސް، މުބާރާތުގެ ތާވަލަށް މި ގެނެވުނު ބަދަލަކީ ހަމައެކަނި އަންނަ އަހަރަށް ގެނައި ވަގުތީ ބަދަލެކެވެ. އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއިން މައުލޫމާތު ދީފައިވާ ގޮތުގައި، ތުރުކީގައި މުބާރާތް ކުޅުމަށް ފަހު، 2028ވަނަ އަހަރު އަލުން މި މުބާރާތް ސައުދީ އަރަބިއްޔާއަށް ބަދަލުކުރެވޭނެއެވެ.
މިއަހަރުގެ ފައިނަލްގައި ވާދަވެރި ރެއާލް މެޑްރިޑްގެ މައްޗަށް ކުރިހޯދައިގެން މުބާރާތުގެ ތަށި އުފުލާލީ ބާސެލޯނާއިންނެވެ. ސްޕެނިޝް ސުޕަރ ކަޕަކީ ސްޕެނިޝް ލީގާއި ކޮޕަ ޑެލް ރޭގެ ޗެމްޕިއަނުންގެ އިތުރުން އެ ދެ މުބާރާތުގެ ރަނަރަޕް ޓީމުތައް ވާދަކުރާ ގޮތަށް ފަރުމާކޮށްފައިވާ ޝަރަފުވެރި މުބާރާތެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.