ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވޮލީބޯޅަ 16 އަހަރުން ދަށުގެ ބައިގެ ކުޅުން ބުރާސްފަތި ދުވަހު ފަށަނީ

ޝެއާ ކުރޭ Facebook Telegram Viber X

ޒުވާން ވޮލީބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ކުޅިވަރު އެކުވެނީގެ އައުޓްޑޯ ކޯޓުގައި ކުރިއަށްގެންދާ ރާއްޖެ ޖޫނިއަރ ވޮލީބޯލް ޗެމްޕިއަންޝިޕްގެ 16އަހަރުން ދަށުގެ މުބާރާތުގެ ކުޅުން އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ. 

މި މުބާރާތުގެ އަތޮޅުތެރޭގެ ސްކޫލްތަކަށް ޚާއްސަ ކުރެވިފައިވާ ބައިގައި ޖުމްލަ 12ޓީމެއް ބައިވެރިވެފައިވެއެވެ. އެގޮތުން ފިރިހެން ޑިވިޝަނުގައި 7ޓީމެއް ވާދަކުރާއިރު، އަންހެން ޑިވިޝަނުގައި 5ޓީމެއް ފެނިގެންދާނެއެވެ. ފިރިހެން ބައިގައި ވާދަކުރާ ސްކޫލްތަކަކީ ޅ. މަދަރަސަތުލް އިފްތިތާހާއި، މ. އަތޮޅު ސްކޫލާއި، ލ. އަތޮޅު ސްކޫލްގެ އިތުރުން އދ. އަތޮޅު ސްކޫލާއި، ވ. ކެޔޮދޫ ސްކޫލާއި، އދ. ކުނބުރުދޫ ސްކޫލް އަދި އދ. ދިގުރަށު ސްކޫލެވެ. އަންހެން ބައިގައި ވާދަކުރަނީ މަދަރަސަތުލް އިފްތިތާހާއި، މ. އަތޮޅު ސްކޫލާއި، ވ. ކެޔޮދޫ ސްކޫލާއި، އދ. ކުނބުރުދޫ ސްކޫލް އަދި ކ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.

ކޮންމެ ޖިންސެއްގެ ބައިވެސް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ މެޗުތައް ކޮންމެ ދުވަހަކުވެސް ދެ ދަންފަޅިއަކަށް ބަހާލައިގެން ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ. އެގޮތުން ހަވީރުގެ ވަގުތުގައި ހަތަރު މެޗެއް ކުޅޭއިރު، ރޭގަނޑު ކުޅުމަށް ހަމަޖެހިފައިވަނީ އެންމެ މެޗެކެވެ. މުބާރާތުގެ ސެމީ ފައިނަލްގެ ކުރިމަތިލުންތައް މި މަހުގެ 19ވަނަ ދުވަހު ބޭއްވުމަށްފަހު، ޗެމްޕިއަން ޓީމު ކަނޑައަޅާ ފައިނަލް މެޗު އޮންނާނީ މި މަހުގެ 22ގައެވެ.

އަތޮޅުތެރޭގެ ސްކޫލްތަކުގެ ކުޅުން ބުރާސްފަތި ދުވަހު ފެށި ނަމަވެސް، މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 16ވާ އާދިއްތަ ދުވަހުއެވެ. މާލެ ސަރަޙައްދުން ޖުމްލަ 6ސްކޫލަކުން (ހުރަވީ، ޣާޒީ، އިމާދުއްދީން، ސަލާހުއްދީން، މަޖީދިއްޔާ އަދި ބިލަބޮންގް)ބައިވެރިވާއިރު، ފިރިހެން ބައިގައި 6ޓީމު އަދި އަންހެން ބައިގައި 4ޓީމު ވާދަކުރާނެއެވެ. ވީއޭއެމްގެ ފަރާތުން ރާއްޖޭގައި ވޮލީގެ ފޯރި ގަދަކުރުމަށް ފަށާފައިވާ މި ސިލްސިލާގެ ދަށުން، 19އަހަރުން ދަށުގެ މުބާރާތް މި މަހުގެ 8ވަނަ ދުވަހުން ފެށިގެން މިހާރު ވެސް އަންނަނީ ކުޅެމުންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު