މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑްރީ ކޯޗު ސާ އެލެކްސް ފާގަސަން 2013ވަނަ އަހަރު ރިޓަޔާ ކުރުމުން، އެ މަގާމާ ހަވާލުވާން ހޯޒޭ މޮރީނިއޯ އެއްބަސްވި ކަމަށް އޭނާ ހާމަކޮށްފިއެވެ.
ފާގަސަން ރިޓަޔާ ކުރަން ނިންމިކަން އިއުލާން ކުރުމުން ގިނަ ބަޔަކަށް ބޮޑު ސިހުމެއް ލިބުނުއިރު، އޭރު މޮރީނިއޯ ހުރީ ރެއާލް މެޑްރިޑްގައި އޭނާގެ ފުރަތަމަ ދައުރުގައެވެ. ނެޓްފްލިކްސް އިން ދާދިފަހުން އާންމުކުރި ޑޮކިއުމެންޓްރީއެއްގައި މޮރީނިއޯ ބުނީ، މިއީ މިހާތަނަށް އެއްވެސް މީހަކަށް އެނގިފައި ނުވާ ސިއްރެއް ކަމަށެވެ.
އެ ދުވަސްވަރުގެ ހަނދާންތައް އާކުރަމުން މޮރީނިއޯ ބުނީ، ރެއާލް މެޑްރިޑް ދޫކޮށްލުމަށް ފަހު ފާގަސަންގެ ފަހަތުން ޔުނައިޓެޑާ ހަވާލުވުމަށް އެ ކްލަބާ އެކު ޕްރީ އެގްރީމެންޓެއްގައި ސޮއިކުރި ކަމަށެވެ. ނަމަވެސް އޭނާ ފަހުން ނިންމީ ކުރިން ވެސް ކޯޗުކޮށްދިން ޗެލްސީއަށް ބަދަލުވާށެވެ. ރެއާލްއާ އެކު އޭނާގެ ދެވަނަ ދައުރުގެ ފުރަތަމަ ސީޒަނާ ކުރިމަތިލާން ތައްޔާރުވަމުން އަންނަ މޮރީނިއޯ ބުނި ގޮތުގައި، ވަކި ކްލަބެއް ދެކެ ވާ ލޯތްބަކީ ފުޓްބޯޅަދެކެ ވާ ލޯތްބަށް ވުރެ މާ ބާރުގަދަ އެއްޗެކެވެ. އަދި ރެއާލްއަށް ފަހު އޭނާއަށް ސަޕޯޓަރުންގެ އިހްތިރާމާއި ލޯބި ބޭނުންވި ކަމަށާއި، އެހެންވެ އޭނާ ބަދަލުވީ ޗެލްސީއަށް ކަމަށް ބުންޏެވެ. އޭނާ ވަނީ އަލުން އެ ކްލަބަށް ޕްރިމިއާ ލީގު ހޯދައިދީފައެވެ.
މި ޑޮކިއުމެންޓްރީގައި ވާހަކަދައްކަމުން ޔުނައިޓެޑްގެ ކުރީގެ ކޯޗު ފާގަސަން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. ފާގަސަން ބުނި ގޮތުގައި ހަވީރުގެ ވަގުތެއްގައި މޮރީނިއޯ އޭނާއަށް ފޯނުން ގުޅައި ރޮމުން ވާހަކަދެއްކިއެވެ.
"އޭނާ (މޮރީނިއޯ)ބުނި "އެލެކްސް، އަހަންނަކަށް މިކަމެއް ނުކުރެވޭނެ. އަހަރެން ވާނީ ޗެލްސީއަށް އާނއެކޭ ބުނެފައި. އަދި އަހަންނަށް އެ ބަސް އަނބުރައި ނުގެންދެވޭނެ"އޭނާ ދެއްކި ސަބަބު އަހަންނަށް ވިސްނުނު ނަމަވެސް އަހަރެން ހުރީ މާޔޫސްވެފައި"ފާގަސަން ކިޔައިދިނެވެ.
މޮރީނިއޯ ޔުނައިޓެޑާ ހަވާލުނުވުމުން، އެ ކްލަބުން ދެން ގެނައީ އެވަޓަންގައި ކާމިޔާބު މަސައްކަތްތަކެއް ކުރި ޑޭވިޑް މޮއިސްއެވެ. މޮއިސްއާ އެކު ޔުނައިޓެޑުން ހަ އަހަރުގެ އެއްބަސްވުމެއް ހެދި ނަމަވެސް، ނަތީޖާތައް ގޯސްވުމުގެ ސަބަބުން 10މަސް ދުވަސް ތެރޭގައި، އޭޕްރީލް 2014ގައި އޭނާ މަގާމުން ވަކިކުރިއެވެ.
އޭގެ ތިން އަހަރު ފަހުން މޮރީނިއޯ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވިއެވެ. އޭނާއަށް ޔުނައިޓެޑަށް ޕްރިމިއާ ލީގު ހޯދައިނުދެވުނު ނަމަވެސް، އޭނާގެ ފުރަތަމަ ސީޒަނުގައި، 2017ވަނަ އަހަރު ވަނީ ފާގަސަންއަށް ފަހު އެހާތަނަށް އެ ކްލަބުން ހޯދި އެންމެ ރަނގަޅު ނަތީޖާ ހޯދައިދީފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.