ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޔުނައިޓެޑް އަދިވެސް އޮތީ ރަނގަޅު ހާލަތުގައެއް ނޫން

ޝެއާ ކުރޭ Facebook Telegram Viber X

ޕްރިމިއާ ލީގު އާ ސީޒަނުގެ ފުރަތަމަ މެޗުގައި، އަލަށް ޕްރޮމޯޓްވި ހަލް ސިޓީ އަތުން 0-2އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވި މެޗަކީ ޓީމުގައި އަދިވެސް ރަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ހާމަވެގެންދިޔަ މެޗެއް ކަމަށް އެ ޓީމުގެ ކޯޗު މައިކަލް ކެރިކް ބުނެފިއެވެ.

މިދިޔަ ސީޒަނުގެ މެދުތެރެއިން ޔުނައިޓެޑާ ހަވާލުވެ ކެރިކް ޓީމުގެ ކުޅުން ރަނގަޅުކުރުމުން ސަޕޯޓަރުން ބޮޑު އުއްމީދެއްގައި ތިއްބަސް، ފުރަތަމަ މެޗުން ލިބުނު ނާކާމިޔާބީއާ އެކު ސަޕޯޓަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން ބޮޑުވެފައެވެ.

ހަލް ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ 17ވަނަ މިނެޓުގައި ސެމީ އަޔާޖީ ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި ފުރަތަމަ ހާފު ނިމެން ދަނިކޮށް ނޮބެލް މެންޑީ ޖެހި ލަނޑުން ހަލް ސިޓީން ވަނީ މެޗުގެ ނަތީޖާ 0-2އަށް ބަދަލުކޮށްފައެވެ. މި ނަތީޖާއާ ގުޅިގެން ކޯޗު ކެރިކް ބުނީ މެޗަށް ނުކުތީ މޮޅުވާން ކަމަށާއި، ނަމަވެސް ބަލިވުމަކީ ބޮޑު މާޔޫސްކަމެއް ކަމަށެވެ. އެކަމަކު މި ބައްޔާ އެކު ކްލަބުގެ އަސްލު އަމާޒު ބަދަލުނުވާނެ ކަމަށް އޭނާ ބުންޏެވެ.

ކެރިކް އިތުރަށް ހާމަކުރި ގޮތުގައި ޓީމު އަދި ފުރިހަމަ ނޫންކަން އޭނާއަށް ކުރިން ވެސް އެނގެއެވެ. އަދި އަލަށް ޕްރޮމޯޓްވި ޓީމެއް އަތުން ބަލިވުމުން އެކަން މާބޮޑަށް ފާހަގަވެގެން ހިނގައްޖެ ކަމަށާއި، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެ ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ. "އެންމެ މެޗަކުން ބަލިވުމަކުން މުޅި ޓީމުގެ އަމާޒެއް ބަދަލެއް ނުވާނެ. އަހަރެމެންގެ އަމާޒަކީ އެންމެ މައްޗަށް އެރުން"ކެރިކް ބުންޏެވެ.

މި މެޗަށްފަހު ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ބުނީ ފުރަތަމަ މެޗުން ބަލިވުމުން ސަޕޯޓަރުން މާޔޫސްވާނެ މިންވަރު އިހުސާސްކުރެވޭ ކަމަށެވެ. ނަމަވެސް މި ދަނޑިވަޅުގައި ވެސް ސަޕޯޓަރުން ޓީމާއެކު ސާބިތުވެ ތިބުމަށް އޭނާ ވަނީ އެދިފައެވެ.

މި ސީޒަނުގެ ފުރަތަމަ މެޗުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ހަމައެކަނި ޔުނައިޓެޑަކަށް ނޫނެވެ. މިދިޔަ ސީޒަނުގައި ރެލިގޭޝަނުން ކިރިޔާ ސަލާމަތްވެ، މި ފަހަރު ބޮޑު ހަރަދެއްކޮށް ޓީމު ވަރުގަދަކުރި ޓޮޓެންހަމް ހޮޓްސްޕާސް ވެސް ވަނީ ފުރަތަމަ މެޗުގައި ބްރެންފޯޑް އަތުން 3-0އިން ބަލިވެފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު