ޕްރިމިއާ ލީގުގެ ގަވާއިދުތަކާ ހިލާފަށް ޖޯޒީ ފަރުމާކޮށްފައި ހުރުމުގެ ސަބަބުން، މެންޗެސްޓާ ޔުނައިޓެޑުން ބޭނުންކުރާ ޖޯޒީ ބަދަލުކުރަން ޖެހިއްޖެއެވެ.
ޔުނައިޓެޑުން މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި ހަލް ސިޓީއާ ދެކޮޅަށް ބޭނުންކުރި އަވޭ ޖޯޒީ ފަރުމާކޮށްފައި ވަނީ ލީގުގެ އުސޫލުތަކާ ހިލާފަށެވެ. އެ މެޗުގައި ބޭނުންކުރި ޖޯޒީގެ ކަނާތު އަތުކުރީގައި ޕްރިމިއާ ލީގުގެ ބެޖު ހަރުކޮށްފައި ހުރި ނަމަވެސް، ވާތު އަތުކުރި އޮތީ އެއްވެސް ނިޝާނެއް ނެތް ހުސްކޮށެވެ.
މި މައްސަލަ ދިމާވާން މެދުވެރިވީ ވޭތުވެދިޔަ ހަތަރު އަހަރު ދުވަހު ޔުނައިޓެޑްގެ ޖޯޒީގެ ވާތު އަތުކުރީގައި ޖަހާފައި އޮތް އިސްތިހާރު މިފަހަރު ނެތުމުންނެވެ. އެމެރިކާގެ ޑީއެކްސްސީ ޓެކްނޮލޮޖީއާ އެކު ޔުނައިޓެޑުން 2022ވަނަ އަހަރު ހެދި އެއްބަސްވުން މިދިޔަ ސީޒަނުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އަދި އަތުކުރީގެ ސްޕޮންސަރެއްގެ ގޮތުގައި ބޭނުންކުރާނެ އާ ކުންފުންޏެއް ހޯދުމަށް ޔުނައިޓެޑުން ކުރި މަސައްކަތް މިހާތަނަށް ކާމިޔާބުވެފައެއް ނުވެއެވެ.
ޕްރިމިއާ ލީގުގެ ގަވާއިދު ބުނާގޮތުން ޖޯޒީގެ އަތުކުރީގައި އެއްވެސް ލޯގޯއެއް ނުވަތަ ލޭބަލެއް ނެތި ހުސްކޮށް ބެހެއްޓުމަކީ މަނާކަމެކެވެ. ސްޕޮންސަރެއް ނެތް ނަމަ، އެ ފަޅީގައި ވެސް ލީގުގެ ލޯގޯ ހުންނަން ޖެހޭނެއެވެ. ދި އެތުލެޓިކް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2026-2027ގެ ސީޒަނުގެ ޕްރިމިއާ ލީގުގެ ގަވާއިދު ފޮތުގައި ބުނެފައި ވަނީ.
"ލީގުގެ ލޯގޯ. ހޯމް ޖޯޒީ އަދި ބަދަލުގައި ބޭނުންކުރާ އަވޭ ޖޯޒީގައި ވެސް ކަނާތު އަތުކުރީގައި ލީގުގެ ލޯގޯ ހުންނަން ވާނެއެވެ. ޖާޒީގެ ވާތު އަތުކުރީގައި ސްޕޮންސަރެއްގެ ލޯގޯއެއް ނެތް ނަމަ، އެ ފަޅީގައި ވެސް ލީގުގެ ލޯގޯ ހަރުކުރަން ވާނެއެވެ"
ޔުނައިޓެޑްގެ އިތުރުން ޗެލްސީއާއި ކްރިސްޓަލް ޕެލަސްއަކީ ވެސް މި ސީޒަނުގައި ޖޯޒީގެ އަތުކުރީގައި ސްޕޮންސަރެއް ނެތް ދެ ޓީމެވެ. ނަމަވެސް، އެ ދެ ކުލަބުން ކުޅުނު ފުރަތަމަ މެޗުގައި ބޭނުންކުރި ޖޯޒީގެ ދެ އަތުކުރީގައި ވެސް ލީގުގެ ލޯގޯ ޖަހާފައިވެއެވެ. އަންނަ އާދިއްތަ ދުވަހު އިޕްސްވިޗް ޓައުންއާ ދެކޮޅަށް ޔުނައިޓެޑުން ކުޅޭ މެޗުގައި އެ ޓީމުގެ ޖޯޒީގެ ދެ އަތުކުރީގައި ވެސް ލީގުގެ ބެޖު ހަރުކުރާނެއެވެ. މިއީ މި ސީޒަނުގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ކުޅޭ ފުރަތަމަ މެޗެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.