ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅެ 2-2އިން އެއްވަރުވި މެޗުގައި، އިލެކްޓްރޯނިކް ބޯޑު ހަލާކުވުމުގެ ސަބަބުން ކުޅުންތެރިން ބަދަލުކުރުން ލަސްވި މައްސަލައިގައި ލިވަޕޫލްގެ ކޯޗު އަންދޯނީ އިރައޯލާ ވަރަށް ބޮޑަށް ރުޅިއައިސްފިއެވެ.
މިއީ އެންފީލްޑްގައި ލިވަޕޫލްގެ ކޯޗެއްގެ ގޮތުގައި އިރައޯލާ އިރުޝާދުދިން ފުރަތަމަ ހޯމް މެޗެވެ.
މި މެޗުގައި ފޮރެސްޓުން ދެ ފަހަރު ލީޑު ނެގިއެވެ. އެގޮތުން އެ ޓީމަށް ފުރަތަމަ ލީޑު ހޯދައިދިނީ ޑާން އެންޑޯއިއެވެ. ނަމަވެސް ދެވަނަ ހާފުގައި އެލެކްޒެންޑާ އިސާކް ވަނީ ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެ ފަހުން ފޮރެސްޓުން ދެވަނަ ފަހަރަށް ލީޑު ނެގީ މޯގަން ގިބްސް ވައިޓް ކާމިޔާބުކުރި ޕެނަލްޓީންނެވެ. ލިވަޕޫލް ސަލާމަތްވީ 82ވަނަ މިނެޓުގައި ވިކްޓޯ މުނިއޯޒް ވިޔަނުއޭވާ ޖެހި ގޯލުންނެވެ. މި ގޯލާއެކު، ލިވަޕޫލް ދަނޑުގައި ވިދިވިދިގެން ތިންވަނަ ފަހަރަށް މޮޅުވުމަށް ފޮރެސްޓުން ކުރި އުންމީދުތައް ފެނަށް ދިޔައެވެ.
މެޗުގެ ތެރެއިން އިރައޯލާގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވީ ފޮރެސްޓަށް ޕެނަލްޓީ ލިބުމުގެ ކުރިން އެއްފަހަރާ ތިން ކުޅުންތެރިން ބަދަލުކުރަން އުޅުނު ވަގުތު ދިމާވި މައްސަލައަށެވެ. އެ ވަގުތު ބަދަލު ރެފްރީ ބޭނުންކުރި އިލެކްޓްރޯނިކް ބޯޑުން ކުޅުންތެރިންގެ ނަންބަރުތައް ނުދިއްލުމުގެ ސަބަބުން ބަދަލުތައް ގެނައުން ވަރަށް ބޮޑަށް ލަސްވިއެވެ. އެ ވަގުތު ބޯޅަ ބޭރަށް ދިއުމުން ފޮރެސްޓްގެ ލިއަމް ޑެލަޕް ވަނީ އަވަހަށް އެއްލުން ފޮނުވާލައި ކުޅުން ފަށާފައެވެ.
އެކަމާ ގުޅޭގޮތުން މެޗަށް ފަހު ވާހަކަދައްކަމުން އިރައޯލާ ބުނީ އެކަން ހިނގި ގޮތުގެ ތަފްސީލެއް އޭނާއަށް ދެވެން ނެތީ، އޭނާގެ އަތުގައި އެކަމުގެ ސަބަބެއް ނެތުމުން ކަމަށެވެ.
"އެ ބަދަލުތައް ގެންނަން އަހަރެން ބޭނުންވީ ގާތްގަނޑަކަށް ތިން މިނެޓު ކުރިން. ދޭއް، ތިނެއް، ހަތަރު ފަހަރު ބޯޅަ ބޭރަށް ދިޔަ. އޭނާ (ބަދަލު ރެފްރީ)އަށް ބޯޑާ ގުޅިގެން މައްސަލަތަކެއް ދިމާވި. އަހަރެން ބަދަލުތައް ގެނެސްފައި ހުރިނަމަ ޕެނަލްޓީއެއް ނުޖެހުނީސްހެން ހީވަނީ"އިރައޯލާ ބުންޏެވެ.
ފޮރެސްޓަށް ޕެނަލްޓީ ލިބުނު ގޮތާމެދު ހިތްހަމަނުޖެހިފައި ހުރި ނަމަވެސް، ވިދިވިދިގެން ދެވަނަ މެޗެއްގައި ވެސް ލިވަޕޫލްގެ ފެށުން ދޯހަޅިވީ އަމިއްލަ ޓީމަށް ހެދުނު ގޯސްތަކުން ކަމަށް އިރައޯލާ ގަބޫލުކުރެއެވެ. އޭނާ ބުނީ ފުރަތަމަ ހާފުގައި ޓީމުގެ ފަރާތުން ފެނުނީ ހިތްހަމަޖެހޭ ފެންވަރެއް ނޫން ކަމަށާއި، ގޭމް ކޮންޓްރޯލް ނުކުރެވުނު ކަމަށެވެ. ނަމަވެސް ދެވަނަ ހާފުގައި ކުޅުން ރަނގަޅު ކުރި ނަމަވެސް މެޗުން މޮޅުވެވޭ ވަރު ނުވި ކަމަށް އޭނާ ފާހަގަކުރިއެވެ.
"އަހަރެން މާޔޫސްވޭ. ހިތްހަމަނުޖޭ. ސަބަބަކީ އަހަރެމެން ބޭނުންވަނީ މޮޅުވާން. ހާއްސަކޮށް އަމިއްލަ ދަނޑުގައި. މިއީ ރަނގަޅު ނަތީޖާއެއް ނޫން. ދެ ފަހަރު ފަހަތުން އަރައި ދެ ވަނަ ހާފުގައި ކުޅުނު ގޮތް އަހަރެންނަށް ކަމުދޭ. އެކަމަކު އެނބުރި އައުން ފުރިހަމައެއް ނުކުރެވުނު" އަމިއްލަ ދަނޑުގައި މޮޅުނުވެވުމުން މާޔޫސްވެފައި ހުރި ކޯޗު އިތުރަށް ބުންޏެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.