ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސަބްސްޓިޓިއުޓް ބޯޑަށް ގެއްލުންދިނުމުން އެލިސަން ޖޫރިމަނާކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

އިނގިރޭސި ޕްރިމިއަރ ލީގުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗު ނިމުމުން، ރުޅިގަދަވެގެން ގޮސް ބަދަލު ކުޅުންތެރިން އަރުވާ ބޯޑަށް ގެއްލުންދިން މައްސަލައިގައި ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ 8،000ޕައުންޑުން (10،800ޑޮލަރުން)ޖޫރިމަނާކޮށްފިއެވެ.

އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭ)ގެ ތަރުޖަމާނަކު ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް"ގައި ހާމަކުރެއްވި ގޮތުގައި، ކުޅިވަރުގެ ރޫހާ ޚިލާފު އަމަލެއް ހިންގިކަމުގެ ދައުވާއަށް އެލިސަން ވަނީ އެއްބަސްވެފައެވެ. އެހެންކަމުން މެޗު ނިމުނު ވަގުތު ޓަނަލް ކައިރީގައި ބާއްވާފައި އޮތް އިލެކްޓްރޯނިކް ބޯޑެއްގައި ކޮޅުފައިން ޖެހި މައްސަލައިގައި އުމުރުން 33އަހަރުގެ ކުޅުންތެރިޔާއަށް ވަނީ އެކަށީގެންވާ އަދަބު ދީފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ފޮރެސްޓާއެކު ލިވަޕޫލް 2-2އިން އެއްވަރުވި މެޗުގައި ހިނގައިދިޔަ ކަންތައްތަކަކާ ގުޅިގެންނެވެ. އެގޮތުން މެޗުގެ 70ވަނަ މިނެޓުގައި 1-1އިން ދެ ޓީމު އެއްވަރުވެފައި ވަނިކޮށް، އަންޑޯނީ އިރައޯލާ ތިން ކުޅުންތެރިން ބަދަލުކުރަން މަސައްކަތްކުރި ވަގުތު ހަތަރުވަނަ އޮފިޝަލްގެ ބޯޑު ތައްޔާރުކުރެވިފައި ނެތުމުން އެލިސަން ވަނީ ރެފުރީއާ ދެބަސްވެފައެވެ. މިކަމާ ގުޅިގެން އޭނާއަށް ރީނދޫ ކާޑެއް ވެސް ދެއްކިއެވެ.

އޭގެ ފަހުން ފޮރެސްޓުން އަވަހަށް ކުޅުން ފަށައި ލިވަޕޫލްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނެކޯ ވިލިއަމްސް ވަން ވަގުތު އެލިސަން ކުރި ފައުލަކަށް ރެފުރީ ވަނީ ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ފޮރެސްޓުން ލީޑު ނެގި ނަމަވެސް ފަހުން ލިވަޕޫލުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗަށްފަހު އެލިސަން ބޯޑަށް ހަމަލާދިން މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އާންމުވެފައިވެއެވެ.

ލީގުގައި ފުރަތަމަ ކުޅުނު ދެ މެޗުން އެއްވަރުވެ، އޭގެ ފަހުން އިޕްސްވިޗް ޓައުންގެ މައްޗަށް ކުރިހޯދާފައިވާ ލިވަޕޫލް ދެން އެންމެ އަވަހަށް ވެސް މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރެއެވެ. އަމިއްލަ ދަނޑުގައި އެ ޓީމު ނުކުންނާނީ ފުލަމްއާ ދެކޮޅަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު