ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފޮރެސްޓާ އެއްވަރުވެ، ލިވަޕޫލަށް ޕޮއިންޓެއް

ޝެއާ ކުރޭ Facebook Telegram Viber X

އިނގިރޭސި ޕްރިމިއަރ ލީގުގައި އާ ކޯޗު އަންޑޯނީ އިރައޯލާގެ ބެލުމުގެ ދަށުން އަމިއްލަ ދަނޑުގައި މިއަދު ހަވީރު ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗު 2-2އިން އެއްވަރުވުމުން، މި ސީޒަނުގައި ލިވަޕޫލުން ހޯދަން ބޭނުންވާ ފުރަތަމަ މޮޅަށް ކުރަމުންދާ އިންތިޒާރު އިތުރަށް ދިގުލައިގެން ހިނގައްޖެއެވެ.

މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ވިކްޓަރ މުނޯޒް ޖަހައިދިން ލަނޑުން ލިވަޕޫލް ބަލިނުވެ ސަލާމަތްވި ނަމަވެސް، މިއީ އާ ކޯޗާ އެކު އެ ޓީމު ލީގުގައި ކުޅުނު ދެ މެޗުން ވެސް އެއްވަރުވި ފަހަރެވެ. 

މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ފޮރެސްޓުންނެވެ. މެޗުގެ 24ވަނަ މިނެޓުގައި އެ ޓީމުގެ ކީޕަރު މެޓްޒް ސެލްސް ފެށި ހަލުވި ކައުންޓަރ އެޓޭކެއްގައި، މޯގަން ގިބްސް-ވައިޓް ތަނަވަސްކޮށްދިން ފުރުސަތަކުން ސްވިޒަލެންޑުގެ ފޯވާޑް ޑެން އެންޑޯއީ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. އޭގެ ފަހުން ފުރަތަމަ ހާފުގައި ފްލޯރިއަން ވާޓްޒް ލިވަޕޫލަށް ލަނޑެއް ޖަހައިދިން ނަމަވެސް އެއީ އޮފްސައިޑެއް ކަމަށް ރެފްރީ ވަނީ ނިންމާފައެވެ.

ދެވަނަ ހާފުގެ 60ވަނަ މިނެޓުގައި ކޯޑީ ގަކްޕޯ ނަގައިދިން ހުރަހެއްގައި ފޮރެސްޓުގެ ދެ ކުޅުންތެރިންނަށް ބޯޅަ ސަލާމަތް ނުކުރެވުމުން، އެލެގްޒެންޑަރ އީސާކް ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައި ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެހެން ނަމަވެސް އޭގެ ދިހަ މިނެޓު ފަހުން ފޮރެސްޓުގެ ނިކޯ ވިލިއަމްސްއަށް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ގިބްސް-ވައިޓް ވަނީ އަލުން ފޮރެސްޓަށް ލީޑު ނަގައިދީފައެވެ.

ލިވަޕޫލަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނީ އަލަށް އެ ޓީމާ ގުޅި، ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު މުނޯޒް 82ވަނަ މިނެޓުގައި ކާމިޔާބުކުރި ލަނޑުންނެވެ. 

މިދިޔަ ސީޒަނުގައި އާނޭ ސްލޮޓުގެ ކޯޗުކަމުގައި 446މިލިއަން ޕައުންޑް ޚަރަދުކުރުމަށް ފަހު ވެސް ލިވަޕޫލުން ސީޒަން ނިންމާލީ ލީގުގެ ފަސްވަނައިގައެވެ. އޭގެ ކުރިން ލީގު ކާމިޔާބުކޮށްފައި އޮތުމުން މިއީ އެ ޓީމަށް ލިބުނު ވަރަށް ބޮޑު މާޔޫސީ ނަތީޖާއެކެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު