ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް އޮތް ތާއީދު ދެމެހެއްޓުމަށް އެފްރިކާގެ ފުޓްބޯޅަ އިދާރާ (ކާފް)އިން ނިންމައިފިއެވެ.
އިއްޔެ ބޭއްވި ކާފްގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި، އިންފަންޓީނޯ އަށް ތާއީދުކުރުމާ ގުޅޭގޮތުން ހުށަހެޅި މައްސަލައަށް ކޮމިޓީގެ ހުރިހާ މެންބަރުން ވަނީ އިއްތިފާގުން ތާއީދުކުރައްވާފައެވެ. މިއާއެކު، އަންނަ އަހަރު ބާއްވާ އިންތިހާބުގައި އިންފަންޓީނޯއަށް ތާއީދުކުރާނެކަން ހާމަކުރި ފުރަތަމަ ބައްރުގެ އިދާރާއަކަށް ކާފް ވަނީ ވެފައެވެ.
ކާފްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންފަންޓީނޯ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އެފްރިކާ ބައްރުގެ ފުޓްބޯޅަ ކުރިއެރުވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާ ކަމަށެވެ. އެގޮތުން އެ ކޮމިޓީން ވަނީ އޭނާއަށް ޝުކުރު އަދާކޮށްފައެވެ.
"ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް އޮތް ތާއީދު، ކާފްގެ އެގްޒެކެޓިވް ކޮމިޓީން އިއްތިފާގުވެ އަލުން ކަށަވަރުކޮށްދެން. އަދި ފާއިތުވި އަހަރުތަކުގައި އެފްރިކާގެ ފުޓްބޯޅައަށް އޭނާ ދެއްވި އެއްބާރުލެއްވުމަށް ޝުކުރުއަދާކުރަން"
ފީފާއިން އިއުލާންކުރި "ފީފާ ފޯވަޑް އެންޓަޕްރައިޒަސް ޕްލޭން"އާ މެދު މެންބަރު ކޮންފެޑެރޭޝަންތަކުން ނުރުހުން ފާޅުކުރުމާ ގުޅިގެން، އެ ހުށަހެޅުން އަނބުރާ ގެންދަން އިންފަންޓީނޯ ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމުމެއް ކަމަށް ކާފްއިން ބުނެއެވެ. އެ އިދާރާއިން ބުނީ އެކަމުގައި ގޯހެއް ހެދިފައިވާކަމަށް އިންފަންޓީނޯ އަމިއްލައަށް ގަބޫލުކުރައްވައި މައާފަށް އެދިވަޑައިގަތުމުން، އެ މައާފް ގަބޫލުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔޫއެފާ)އިން ވަނީ ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރުމަށް ނިންމި ނިންމުން ދަމަހައްޓައި، އިންފަންޓީނޯ އަށް އިތުބާރު ނެތް ކަމަށް ނިންމާފައެވެ. މީގެ އިތުރުން، އޭޝިއާގެ ފުޓްބޯޅަ އިދާރާ (އޭއެފްސީ)އަދި އުތުރު އެމެރިކާގެ ފުޓްބޯޅަ އިދާރާ (ކޮންކާކަފް)އިން ވެސް އެ ޕްލޭނާ ދެކޮޅަށް ވާހަކަދައްކާފައިވީ ނަމަވެސް، އިންފަންޓީނޯއަށް ތާއީދުކުރުމާ ގުޅޭގޮތުން އެ ދެ އިދާރާ އިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ފީފާގެ ޖުމްލަ 211މެންބަރު ގައުމުގެ ތެރެއިން 54ގައުމަކީ ކާފްގެ މެންބަރުންނެވެ. އަންނަ އަހަރުގެ މާޗް މަހު އެފްރިކާ ބައްރުގެ މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ އިންތިހާބުގައި ހަތަރުވަނަ ދައުރަކަށް ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ހަމައެކަނި އިންފަންޓީނޯއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.