ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިންފަންޓީނޯގެ އިސްތިއުފާއަށް ފީގޯ ގޮވާލައިފި

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މައްޗަށް އޮތް އިތުބާރު ގެއްލިފައިވާކަން ފާހަގަކޮށް، އޭނާ މަގާމުން ދުރުވުމަކީ ފީފާއަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް އޮތް އެންމެ ރަނގަޅު ހައްލުކަމަށް ޕޯޗުގަލްގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ލުއިސް ފީގޯ ގޮވާލައިފިއެވެ.

އިންފަންޓީނޯގެ އަމިއްލަ އެދުން ބޮޑުކަމަށާއި އޭނާ ހިންގަވާ ކަންކަމުގައި މަސްލަހަތު ފުށުއަރާ އެތައް ހާސް މައްސަލަތަކެއް ހުރިކަމަށް، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2000ވަނަ އަހަރު ހޯދި ފީގޯ ވަނީ ތުހުމަތުކޮށްފައެވެ. ފީގޯ ސިފަކުރި ގޮތުގައި ފީފާގެ މިހާރުގެ ވެރިޔާއަކީ ހަމައެކަނި އަމިއްލަ މަންފާއަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ.

މެމްބަރު ގައުމުތަކުގެ މެދުގައި އިންފަންޓީނޯއާ މެދު ނުތަނަވަސްކަން އުފެދިފައިވާ އެންމެ ބޮޑު ސަބަބަކީ، ފީފާގެ މުބާރާތްތައް ހިންގުމަށް ވަކި ވިޔަފާރި ކުންފުންޏެއް އުފައްދައި، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތްގުޅުމެއް އޮންނަ ބަޔަކަށް އެ ކުންފުނީގެ 20އިންސައްތަ ހިއްސާ ދިނުމަށް އޭނާ ހުށަހެޅުއްވި މައްސަލައެވެ. މިކަމާ ގުޅިގެން ޔޫރަޕުގެ ގައުމުތަކުން ދަނީ އިންފަންޓީނޯއާ ދެކޮޅަށް ފާޅުގައި ނުރުހުން ފާޅުކުރަމުންނެވެ.

އަންނަ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ ރިޔާސީ އިންތިހާބުގައި އޭޝިއާ، ކޮންކާކަފް އަދި ޔޫރަޕްގެ ގިނަ ގައުމުތަކަކުން އިންފަންޓީނޯއަށް ތާއީދު ނުކުރާނެކަން ވަނީ ހާމަވެފައެވެ. މީގެ ކުރިން 2015ވަނަ އަހަރު ސެޕް ބްލެޓާ އިސްތިއުފާ ދެއްވުމުން ފީފާގެ ރައީސްކަމަށް ވާދަކުރަން ފީގޯ ނިންމި ނަމަވެސް، ފަހުން އޭނާ ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. މި ދަނޑިވަޅުގައި އިންފަންޓީނޯއަށް ފީގޯގެ ފާޑުކިޔުންތައް އަމާޒުވުމަކީ، ކުރިއަށް އޮތް އިންތިހާބުގައި ޔޫރަޕްގެ ފަރާތުން އިންފަންޓީނޯއާ ވާދަކުރާނެ ކެންޑިޑޭޓަކަށް ފީގޯ ވުމުގެ އިހުތިމާލު އޮތް ކަމެއްކަމަށް ކުޅިވަރު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު